ޚަބަރު

"އައު ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި އދ.ގެ އެހީތެރިކަން ލިބޭނެ"


  • އައު ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކާއި މެނިފެސްޓޯގެ ވަޢުދުތައް ފުއްދުމުގައި އެހީވާނެ

  • އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްޤީއަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ

  • މުއައްސަސާތައް ވަރުގަދަކުރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމުގައި ވެދެއްވާ އެހީތައް ފާހަގަކުރެއްވި

އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ޕްލޭނަށާއި، އައު ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި އދ.ގެ ފުރިހަމަ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން އދ.އިން ދެއްވައިފިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިއަހަށްކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި އދ.އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރީން ހެސްވެލްވަނީ އައު ސަރުކާރުގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކަށް ތަޢުރީފުކުރައްވާފައެވެ.

އިންތިޚާބީ ރައީސްގެ މެނިފެސްޓޯގައި ވަޢުދުވެވަޑައިގެންފައިވާ ޤައުމީ ތަރައްޤީގެ ޕްލޭންތަކަށާއި 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅުއްވާފައިވާ ވަޢުދުތައް ފުއްދުމުގައި އދ.ގެ ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މިބައްދަލުވުމުގައި، އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމާއި، މުއައްސަސާތައް ވަރުގަދަކުރުމާއި، ޑިމޮކްރެސީ ހަރުދަނާކުރުމުގައި އ.ދ. އިން ދެއްވަމުންގެންދަވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޒަޢާމަތުގައިވެސް އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އ.ދ. ގެ އެހީތެރިކަމަށް ޑރ. މުޢިއްޒުވަނީ އެދިވަޑައިގެންނެވިއެވެ.

އދ.އި ން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރާއެކު ބޭއްވެވި މިބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.