ޚަބަރު

ފުރަތަމަ ކުއާޓަރުގައި އެޗްޑީސީއަށް 976 މިލިއަން ރުފިޔާގެ އާމްދަނީއެއް


  • ބިން ވިއްކައިގެން 844.7 މިލިއަން ރުފިޔާ ލިބިފައިވޭ

  • ކުންފުނި ހިންގައިގެން 693.06 މިލިއަން ރުފިޔާ ލިބިފައިވޭ

  • ސާފު ފައިދާގެ ގޮތުގައިވަނީ 583.14 މިލިއަން ރުފިޔާ ލިބިފައިވޭ

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެގޮތުގައި 976 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ހާމަކޮށްފިއެވެ.

މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 518 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 88 އިންސައްތަ އިތުރު އަދަދެކެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ "ކުއާޓަރލީ ރިވިއު" ރިޕޯޓުގައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތު ބަޔާންކޮށްފައެވެ. އެގޮތުން ސަރުކާރު ހިއްސާވާ 30 ކުންފުންޏެއްގެ މާލީ ހާލަތު ވަކިވަކިން މި ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

މި ރިޕޯޓުގައިވާގޮތުން އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ކުންފުނިތަކުގެތެރޭގައި އެޗްޑީސީ ހިމެނެއެވެ. އެޗްޑީސީއަށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި 976 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެކުންފުންޏަށް އާމްދަނީ ލިބެނީ ބިން ވިއްކައިގެންނާއި، ބިންތައް ކުއްޔަށްދީގެންނެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބިންތައް ވިއްކައިގެން އެޗް.ޑީ.ސީއަށް 844.7 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިއީ ޖުމްލަ އާމްދަނީގެ 87 އިންސައްތައެވެ. މިއީ މައިގަނޑުގޮތެއްގައި ތިލަފުށީ ފޭސް 1 އަދި 2 އަކުން ވިއްކި ބިންތަކުން ލިބުނު އާމްދަނީއެވެ.

ބިން ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބިންތަކުގެ ކުލިން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި ބިމު ކުލީގެ ގޮތުގައި އެޗް.ޑީ.ސީއަށް ލިބިފައިވަނީ 152.98 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު 14 އިންސައްތަ ދަށް އަދަދެކެވެ.

"ކުއާޓަރލީ ރިވިއު" ރިޕޯޓުގައިވާގޮތުން ކުންފުނި ހިންގައިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި އެޗް.ޑީ.ސީއަށް 693.06 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނި ހިންގައިގެން އެޗް.ޑީ.ސީއަށް ވަނީ ގެއްލުންވެފައެވެ. މިއީ މެއިންޓޭނަންސްއަށް އެ ކުއާޓަރުގައި ކުރަން ޖެހުނު ޚަރަދު އިތުރުވުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އާމްދަނީއަށް ލިބުނު ކުރިއެރުމާއި އެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެޗް.ޑީ.ސީއަށް ސާފު ފައިދާގެ ގޮތުގައިވަނީ 583.14 މިލިއަން ރުފިޔާ ލިބިފައެވެ.

މިދިޔަ އަހަރުގެފަހު ކުއާޓަރުގައި އެކުންފުންނަށް ލިބުނު ގެއްލުމާއި އަޅާ ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަކީ 597.16 މިލިއަންގެ އިތުރުވުމެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު، 91 އިންސައްތަ އިތުރު އަދަދެކެވެ.