ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ގެނައި އިޞްލާޙާއިއެކު މިހާރު ކޮތަޅަކުން ނަގަމުން އަންނަ 2 ރުފިޔާގެ ޓެކްސް، 50 ލާރިއަށް ކުޑަ ކުރުުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަސްދީޤުކުރެއްވި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި އޮތްގޮތުން، ކޮތަޅުން ފީ ނަގަން ފަށަންޖެހޭނީ ޤާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ހަމަވާ ދުވަހުން ފެށިގެނެވެ.
ކޮތަޅުން 2 ރުފިޔާގެ ޓެކްސްއެއް ނެގުމަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އޭރު ހުށަހެޅުމުން ސަރުކާރުން ވަނީ ޤަނޫނު އިސްލާހު ކުރުމަށް މެއި މަހުގެ ތެރޭގައި ހުށަހެޅާފައެވެ. ނަމަވެސް މަޖިލީހުގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މި މަސައްކަތް އޮތީ ނުކުރެވި މަޑު ޖެހިފައެވެ.
ގިނަ ދުވަސްތަކަކަށްފަހު މި ބިލުގެ ބަހުސްގެ މަރުހަލާ މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ބިލަށް ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައިވެސް ތަކެތީގެ އަގު އިންތިހާއަށް މަތިވެގެންދިޔަ ދުވަސް ވަރެއްގައި ކަމަށެވެ. އޭނާ ވަނީ ކޮތަޅުން ނަގާ ފީއާއި ގުޅިގެން އެކަމަށް ހައްލު ތަކެއް ގެނައުމަށް އިސްލާހު ތަކެއް ހުށަހަޅުއްވާފައެވެ.
އެގޮތުން އޭނާ ވަނީ ރޯމަސް އުފުލުމާއި ކުނިވާ ޒާތު ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކުގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައެވެ. އަދި ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުމަށްވެސް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކޮށް، 50 ލާރިއަށް ކޮތަޅުން ނަގާ ފީ ކުޑަ ކުރުމަށް ސަލީމް ވަނީ ހުށަހަޅުއްވާފައެވެ.
ސަލީމް ވަނީ ޓެކްސް ނެގުމަށް ބަދަލުތަކެއް ގެނައި ނަމަވެސް މިއީ އަހަރުން އަހަރަށްވެސް ބަދަލު ގެނެވޭ ކަމެއްގެ ގޮތުގައި ކުރެވިދާނެ ކަމެއްކަމަށެވެ. ސަރުކާރުން ނިންމަވާފައިވަނީ، ކުނި އުކާލުމަށާއި، އެނޫންވެސް ޒަރޫރީ ބޭނުންތަކަށް ތިމާވެއްޓާއި ރައްޓެހި ކޮތަޅު ފޯރުކޮށްދިނުމަށެވެ. އެގޮތުން ކޮތަޅުގެ ޑިޒައިން ނިންމާ އެ ކޮތަޅު ފޯރުކޮށްދޭނެ ބައެއް މިހާރު ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން އެކަން ވީހާވެސް އަވަހަށް ތަންފީޒްކުރުމަށް މަސައްކަތްކުރައްވާކަމަށް ސަރުކާރުން ވިދާޅުވިއެވެ.