ޚަބަރު

ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް އެހީތެރިވުމަށް ޚާއްޞަ ހަރަކާތެއް


  • "މޯލްޑިވްސް ލޯންގް ރަން 2023" ގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވެވޭނެ

  • މި އެވެންޓް އޮއްނާނީ ޑިސެންބަރު މަހު 8 ވަނަ ދުވަހު

  • ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވަނީ އެދިފަ

ކެންސަރާބެހޭ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ)ގެ ފަރާތުން ސޮއި ކުރެއްވީ ޓީއެފްޖީގެ ސީއީއޯ ހުސައިން ޒިނާންއެވެ. އަދި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)ގެ ފަރާތުން ސޮއިކުރެއްވީ އޯގަނައިޒީން ސެކެޓްރީ ރަޒާން މުހައްމަދެއެވެ.

މި އެއްބަސްވުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް އުފައްދައި ރަނގަޅު ސިއްހަތެއްގައި ދެމިތިބުމުގެ ޝައުގުވެރިކަން ދިވެހިންގެ މެދުގައި އުފެއްދުމުގެ މަގްޞަދުގައި ޓޯޓަލް ފިޓްނަސް ގްރޫޕްގެ ފަރާތުން ކުރާ ގިނަ މަސައްކަތްތަކުގެ ދަށުން މިއަހަރު ބާއްވާ "މޯލްޑިވްސް ލޯންގް ރަން" އިން ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތަށް ފަންޑު ރައިޒް ކޮށްދިނުމަށް ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

މި އެއްބސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަމުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އޯގަނައިޒީން ސެކެޓްރީ ރަޒާން މުހައްމަދު ވިދާޅުވީ މި މަސައްކަތަކީ "މޯލްޑިވްސް ލޯންގް ރަން 2023" ޕްރޮމޯޓްކޮށް، ސިއްހަތާއި ދުޅަހެޔޮކަމަށް ހިތްވަރުދީ، ކެންސަރުގެ ނުރައްކާ ކުޑަކުރުމަށް ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް އާންމުން ޝައުގުވެރިކުރުމަށް ކުރާ އެއްބައިވަންތަ މަސައްކަތެކެއްކަމަށެވެ. އެގޮތުން މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ ވީހާވެސް ގިނަބަޔަކު މި ރަންގައި ބައިވެރިވެ އަދި ހަމަ ސީއެސްއެމްގެ ނަންމަތީގައިވެސް ޑޮނޭޝަންއެށް ގޮތައް ޗެރެޓީ ރަންއެއްގޮތައް ވީހާވެސް ގިނަ ފަރާއްތަކެއް ބައިވެރިވުން" ރަޒާން ވިދާޅުވިއެވެ.

ޓޯޓަލް ފިޓްނެސް ގްރޫޕްއިން ބުނީ މިއަހަރުގެ މޯލްޑިވްސް ލޯންގް ރަންގެ އެންމެ މުހިންމު އެއްކަމަކީ ސީއެސްއެމްއަށް ފަންޑުރައިޒް ކޮށްދިނުންކަމަށެވެ. އެގޮތުން ކޮންމެ ރަޖިސްޓްރޭޝަނަކުން ލިބޭ ފައިސާގެ އިންސައްތައެއް ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެ ޖަމިއްޔާއިން ކުރާ މުހިންމު މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޙަވާލުކުރެވޭނެކަމަށްވެސް ޓޯޓަލް ފިޓްނެސް ގްރޫޕްއިން ވަނީ ފާހަގަކުރެއެވެ.

ޓޯޓަލް ފިޓްނެސް ގްރޫޕްއިން އަންނަނީ އަހަރުގެ އެކި ދުވަސް ތަކަށް ބަހާލައިގެން ދުވުމުގެ ހަރަކާތް ތަކެއް އިންތިޒާމް ކުރަމުންނެވެ. އެގޮތުން މި އިންތިޒާމްގެ ދަށުން މިއަހަރަށް ރާވާފައިވާ ތިންވަނަ ދުވުން ކަމުގައިވާ "މޯލްޑިވްސް ލޯންގް ރަން" އެހެން އަހަރުތަކޭ އެއްގޮތަށް މި އަންނަ ޑިސެންބަރު މަހު 8 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޓޯޓަލް ފިޓްނެސް ގްރޫޕްއިން ބުނީ އެ ގްރޫޕްގެ އެދުމަކީ ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތްތުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުގެ ބައިވެރިވެ މި ފުރުސަތުގެ ބޭނުން ހިފައި "މޯލްޑިވްސް ލޯންގް ރަން 2023" ގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވުންކަމަށެވެ.