ޚަބަރު

މަތީ ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކު ޤައުމަށް ޚިދުމަތްކުރެވޭނެ ގޮތްތައް ހޯދަންޖެހޭ: ނާއިބު ރައީސް


  • މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނާއިބު ރައީސް

  • އެމަނިކުފާނު ވަނީ ޤައުމަށް ޚިދުމަތްކުރެއްވުމަށް ގޮވާލައްވާފައި

މަތީ ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކުވެސް ގައުމާއި ދޭތެރޭ ވިސްނައި ގައުމަށް ޚިދުމަތްކުރެވޭނެ ގޮތްތައް ހޯދައި އެކަމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ވިލާ ކޮލެޖުގައި ރޭގައި ބޭއްވި "ސްޓޫޑެންޓް އެޗީވަރސް އެޗީވްމެންޓް އެވޯޑް 2023"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި، ތަޢުލީމު އުނގެނުމަށް އޮތް ލޯބި ފާހަގަކުރައްވާ އެކަމާ އުފާފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ. ނައިބު ރައީސް ވިދާޅުވީ ތަޢުލީމު އުނގެނުމަށް ޝައުގުވެރިކަން ހުރި ގިނަ ޒުވާނުން ރާއްޖޭގައި ތިބިކަމަށާއި، ކޮންމެ ދިމާލަކަށް ބަލާލިނަމަވެސް ފެންނަނީ ޢިލްމަށް ބޮޑު އަަހައްމިޔަތުކަމެއްދޭ މަންޒަރު ކަމަށެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މިނިމޭ ސަރުކާރުގެ ފަސްއަހަރުގެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއްޖެކަމަށެވެ. އެގޮތުން ނޭޝަނަލް ޓްރޭނިން ނީޑްސް ބޭނުންވާ މިންވަރު ދެނެގަތުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފަވާކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައިވަނީ މަތީ ތަޢުލީމު ނިންމާ ކޮންމެ ދަރިވަރަކުވެސް ގައުމާއި ދޭތެރޭ ވިސްނައި ގައުމަށް ޚިދުމަތްކުރެވޭނެ ގޮތްތައް ހޯދައި އެކަމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ތަޢުލީމް ހާސިލްކޮށް މުޖުތަމަޢަށް ނިކުންނަ ފަރާތްތަކަށް ރީތި ސިފަތަކުގެ ތެރެއިން މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ބާރުއަޅަންޖެހޭކަމަށް ވިދާޅުވިއެވެ. ރާއްޖެއަކީ ތަހުޒީބު ވެފައިވާ ގައުމަކަށް ހެދުމަށްޓަކައި މަސައްކަތްތެރިކަމުގައި ރިވެތި ސިފަތައް ގެންގުޅުމުގެ އިތުރުން އުފެއްދުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތްކުރަންޖެހޭ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެެވެ. އުފެއްދުންތެރިކަން އިތުރުކުރެވޭނީ މަސައްކަތަށް ވަގުތުދެވިގެން ކަމަށްވާތީ މަސައްކަތަށް ގިނަ ވަގުތު ދިނުމަށް، ދަރިވަރުންނާއި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ނައިބު ރައީސް އިލްތިމާސްކުރެއްވިއެވެ.

"އުފެއްދުންތެރިކަން އޮތީ ކިހާ ހިސާބެއްގައިތޯ ވިސްނާލަން ޖެހޭ. އަޅުގަނޑުމެން އެބަޖެހޭ ފައިސާ ހޯދާފައި، ފައިސާ ޚަރަދުކޮށްފައި، ގިނައިން އެފައިސާ ރައްކާކުރާ ބަޔަކަށްވާން. އެނޫންގޮތަކަށް ހަމަ ސަލާމަތެއްނެތް. ރެސިލިއެންޓް ކޮމިއުނިޓީއެއް ބިލްޑުކުރަން ޖެހޭ. އަޅުގަނޑު މިއަދު ދަންނަވަން އޮތީ، ދެކޮޅުވެރިކަން، ނަފްރަތު އަދި ހަސަދަވެރިކަން ދޫކުރަންވީއޭ." ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ތަރައްގީގެ އޮއިވަރުގައި ރާއްޖެ ފަލިޖަހަމުންދާއިރު ރާއްޖެއަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނަމުންދާކަމަށާއި ކުރިއަށް އޮތްތާނގައިވެސް ރާއްޖެއާއި ރައްޔިތުންގެ މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށެވެ.