ޚަބަރު

ހުށައެޅި ވައްކަމުގެ މައްސަލަތައް ދަށަށް، މިހާތަނަށް 2603 މައްސަލަ


  • އަހަރުގެ މިހާތަނަށް ވައްކަމުގެ 2603 މައްސަލަ

  • މިދިޔަ އަހަރާއި އަޅާ ބަލާއިރު 501 މައްސަލަ މަދު

  • ޓްރެފިކް އެކްސިޑެންޓުގެ 1688 މައްސަލަ

  • މަސްތުވާތަކެއްޗާ ގުޅޭ 1363 މައްސަލަ

ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މި އަހަރުގެ މިހާތަނަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތައްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންނަށް ހުށައެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތަށް ހާމަކުރަން ފެށީންސުރެއް ވައްކަމުގެ މައްސަލަތައް ހުރީ އެވްރެޖްކޮށް 3000 އިން މަތީގައެވެ. މިދިޔަ އަހަރު މިހާތަނަށް ހުށައެޅިފައިވަނީ ވައްކަމުގެ 3104 މައްސަލައެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށްވެސް ވައްކަމުގެ 2603 މައްސަލަވަނީ ހުށައެޅިފައެވެ. މީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 501 މައްސަލައިގެ މަދުވުމެކެއެވެ.

ފާއިތުވި 3 އަހަރު ހުށައަޅާފައިވާ ވައްކަމުގެ މައްސަލަތަކަށް ބަލާއިރު، 2020 ވަނަ އަހަރު 3578 މައްސަލަ، 2021 ވަނަ އަހަރު 4677 މައްސަލަ އަދި 2022 ވަނަ އަހަރު 3977 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

މި އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޓްރެފިކް މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، އެއްޗެހި ގެއްލިގެން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.

މިއަހަރުގެ މިހާތަނަށް ހުށަހެޅުނު މައްސަލަތައް:

- ވައްކަމުގެ 2603 މައްސަލަ
- ޓްރެފިކް އެކްސިޑެންޓުގެ 1688 މައްސަލަ
- މަސްތުވާތަކެއްޗާ ގުޅޭ 1363 މައްސަލަ
- އެއްޗެހި ގެއްލިގެން 1199 މައްސަލަ
- މަކަރާއި ހީލަތް ހެދުމުގެ 588 މައްސަލަ
- އަނިޔާކުރުމުގެ 472 މައްސަލަ
- މުދަލަށް ގެއްލުންދިނުމުގެ 437 މައްސަލަ
- ފޭރުމުގެ 261 މައްސަލަ
- ޖިންސީ ގޯނާގެ 216 މައްސަލަ
- ގެވެށި އަނިޔާގެ 161 މައްސަލަ
- ފޯޖް ކުރުމުގެ 95 މައްސަލަ
- ޗެކް ބައުންސްވުމުގެ 8 މައްސަލަ

ކުށް މަދުކުރުމަށް އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ވައްކަމުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ގޭގެއަށް ޑޯޓުޑޯ ޕްރޮގުރާމުތައް ހިންގައި، އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ ހަރަކާތްތަކެއް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.