ޚަބަރު

ފެށޭ ހަފްތާގައި އޮފިޝަލުންނަށް އެލަވެންސް ދީ ނިމޭނެ، 18 މިލިއަން ހޭދަވޭ


  • 5500އެއްހާ އޮފިޝަލުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި

  • އޮފިޝަލުންނަށް އެލަވަންސް ދިނުމަށް 18 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވޭ

  • މިހާރު ވަނީ އެއްބަޔަކަށް އެލަވަންސް ޖަމާކޮށްދީފައި

ނިމިދި ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް ދޭންޖެހޭ އެލަވަންސް މި ފެށޭ ހަފްތާގެ ނިޔަލަށް ދީ ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ވޯޓުލާ މަރުކަޒުތަކުގައި ގާތްގަޑަކަށް 5500އެއްހާ އޮފިޝަލުން ހަރަކާތްތެރިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ، މިދިޔަ މަހުގެ 9 ވަނަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި ޓްރެއިނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަޙައްދުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި އޮފިޝަލުންނާއި ރިޒަރވް އޮފިޝަލުންގެ ތެރެއިން އެއްބަޔަކަށް އެލަވަންސް ދީފައިވާކަމަށެވެ. އަދި ބާކީ ތިބި މީހުންނަށްވެސް އެލަވަންސް ޖަމާކުރުމަށް ފޮނުވާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ. ޙަބީބު މަސައްކަތް ކުރަމުންދަނީ މިފެށޭ ހަފްތާގެ ނިޔަލަށް ހުރިހާ އޮފިޝަލުންނަށް އެމީހުންގެ އެލަވަންސްތައް ދީ ނިންމުންކަމަށެވެ.

"ފުރަތަމަ ބުރުގެ އެއްބަޔަކަށް އެލަވަންސް ދެވިފައި. ބައެއް މީހުންނަށް އެލަވަންސް ޖަމާކުރުމަށް މިހާރު ވަނީ ފޮނުވާފައި. މަސައްކަތް މި ކުރަނީ އަންނަ ހަފްތާގެ ނިޔަލަށް އެންމެނަށް އުޖާރަ ދީ ނިންމޭތޯ. އެލަވަންސް އަވަހަށް ދީ ނިންމުމަކީ ވަރަށް މުހިއްމުކަމެއް" އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ.

އޮފިޝަލުންނަށް އެލަވަންސް ދިނުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހަބީބް ވިދާޅުވީ އިންތިޚާބުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް އެލަވަންސް ދިނުމަށް 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށެވެ.

އޮފިޝަލުންނަށް ދޭ އެލަވެންސްގެ ތެރޭގައި، ވޯޓުލާ މަރުކަޒުގެ ވެރިއެއްގެ އުޖޫރައަކީ 1500 ރުފިޔާއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލެއް ނަމަ 1000 ރުފިޔާއެވެ. އަދި ރިޒަރވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެބުރު ބޭއްވުމަށް 134 މިލިޔަން ރުފިޔާގެ ބަޖެއްޓެއް ހަމަޖެއްސިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި 574 ވޯޓު ފޮށި ބެހެއްޓިނަމަވެސް ދެވަނަ ބުރުގައި 586 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.