ޚަބަރު

ހުވާކުރައްވާ ރަސްމިއްޔާތަށް ގާތް ހުރިހާ ޤައުމުތަކެއްގެ ވެރިންނަށް ދަޢުވަތު ދޭނެ: އިންތިޚާބީ ރައީސްގެ އޮފީސް


  • އަވައްޓެރި ހުރިހާ ޤައުމެއްގެ ވެރިންނަށް ދަޢުވަތުދޭނެ

  • ރާއްޖެއާއި ގާތްގުޅުން ބާއްވާ ހުރިހާ ޤައުމަކަށްވެސް ދަޢުވަތުދޭނެ

  • ހުވާކުރެއްވުމުގެ ރަސްމިޔާތު އޮންނާނީ ނޮވެމްބަރު 17 ގައި

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި، އިންތިޚާބީ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތަށް، ރާއްޖެއާއި ގާތްގުޅުން އޮންނަ ގިނަ ޤައުމުތަކެއްގެ ވެރިންނަށް ދަޢުވަތު ދެއްވާނެކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އިންތިޤާލީ މަރުހަލާގެ ސްޕޯކްސްޕަރސަން މުޙައްމަދު ފިރުޒުލް ވިދާޅުވީ އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ. އެގޮތުން އަވައްޓެރި ހުރިހާ ޤައުމަކާއި، ރާއްޖެއާއި ގާތްގުޅުން އޮންނަ އެހެނިހެން ބައެއް ޤައުމުތަކުގެ ވެރިންނަށްވެސް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދަޢުވާތު ދެއްވުމަށް ނިންމާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމާފައިވަނީ އަވައްޓެރި ހުރިހާ ޤައުމަކަށާއި ރާއްޖެއާއި ގާތްގުޅުން އޮންނަ ހުރިހާ ޤައުމެއްގެ ވެރިންނަށްވެސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދަޢުވަތުއަރުވަން." ފިރުޒުލް ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާތުގައި ރައީސުލްޖުމްހޫރިއްޔާކަމަށާއި، އެމަނިކުފާނުގެ ނާއިބުގެ މަޤާމަށް އިންތިޚަބުވެވަޑައިގަންނަވާ ބޭފުޅަކު ހުވާ ކުރައްވާނީ އެކަމަށްޓަކައި ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އެދިވަޑައިގަންނަވާފައިވާނެކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީއަށް ދަޢުވަތު އަރުވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުވެވެސްވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ނަޝީދުވަނީ ޑރ.މުޢިއްޒުގެ ސަރުކާރުން އިންޑިއާއާއި ޗައިނާއާއި ދެމެދު މެދުމިން ޚިޔާރުކުރައްވާ، ވަކި ޤައުމެއް މާބޮޑަށް ގާތްކޮށް އަނެއް ޤައުމު ދުރުކުރުމުގެ ސިޔާސަތު ނުގެންގުޅުންވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި ބޮޑުވަޒީރު މޯދިއަށް އެ ރަސްމިއްޔާތަށް ދައުވަތު ދެއްވާނެކަން ޓްރާންސިޝަނަލް އޮފީހަށް އަންނަވާފައިވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިއެވެ.

އިންތިޚާބީ ރައީސްއާއި ނައިބު ރައީސް ހުވާކުރެއްވުމުގެ ރަސްމިޔާތު އޮންނަނީ އަންނަ މަހުގެ 17ގައެވެ.