ޚަބަރު

ޢަރަބި އިސްލާމީ ދުނިޔެއާއި އޮތް ގުޅުން އިތުރަށް ހަރުދަނާކުރާނަން: ޑރ.މުޢިއްޒު


  • އިސްލާމީ ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމަށް

  • ރާއްޖެއާއި ސަޢުދީއާއި ދެމެދު އެއްގޮތަށްވުރެ ގިނަ ގޮތްގޮތުންވަނީ ގުޅިފައިކަމަށް

  • ރާއްޖޭގެ ތަރައްޤީގައި ސަޢުދީގެ ބައިވެރިވުމަށް ޑރ.މުޢިއްޒު އެދިވަޑައިގަތް

އިސްލާމީ ޤައުމުތަކާއި އެކު އޮތް ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި އިންތިޚާބީ ރައީސް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަޢުދީޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ސަޢުދިޢަރަބިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީވަނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަރިއަހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޑރ.މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ސަޢުދީގެ އިތުރުން މުޅި އިސްލާމީ ދުނިޔެއާއި ރާއްޖެއާއި އޮތް ގުޅުން އެމަނިކުފާނުގެ ޒަޢާމަތުގައި އިތުރު ޙަރުފަތަކަށް ޖެއްސުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.


ޑރ.މުޢިއްޒުވަނީ ސަޢުދީގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންގޮސްފައިވާ މަޝްރޫޢުތަކާއި، އަދި މިހާރުވެސް ކުރިއަށްދާ މަޝްރޫޢުތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި އައު ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި ސަޢުދީގެ ބައިވެރިވުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

ސަޢުދީޢަރަބިއްޔާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ސަޢުދީއަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ގުޅިފައިވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި މިގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ.