ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ޖީގައި ރޭ އަމިއްލަ ދަނޑުގައި ސްވިޓްޒަލަންޑުގެ ސާވެޓް ބަލިކޮށް އިޓަލީގެ އޭއެސް ރޯމާ ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
މި މެޗު ރޯމާ ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މި ސީޒަނުގެ ޔުރޮޕާ ލީގުގައި އެ ޓީމަށް ޖުމްލަ ދެ މޮޅު ވަނީ ލިބިފައެވެ. އަދި އެ ޓީމު އޮތީ ގްރޫޕުގެ ދެވަނައިގައި ލަނޑުގެ ތަފާތުންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިހާފުގައި ރޯމާ އިން ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ރޯމާ އިން ލީޑު ނެގިއެވެ. ތުރުކީ ޑިފެންޑަރު ޒެކީ ސެލިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.
މެޗުގެ ދެވަަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ރޯމާގެ އިޓަލީ ފޯވާޑް އަންދްރޭ ބެލޮޓީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ލޮރެންޒޯ ޕެލެގްރިނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ތުރުކީގެ ޑިފެންޑަރު ޒެކީ ސެލިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޯމާގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިޓަލީގެ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރިނީ އެވެ. ހަތަރުވަނަ ލަނޑު އޭގެ 7 މިނެޓް ފަހުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ފޯވާޑް ބެލޮޓީ އެވެ.