ޚަބަރު

ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް


  • މެރިޓައިމް ދުވަސް ފާހަގަކުރަނީ 28 ސެޕްޓެމްބަރުގައި

  • ރާއްޖޭގައި މިދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ފަށާނީ އާދިއްތަ ދުވަހު

  • ހަފްތާއެއްގެ މުއްދަތަށް ތަފާތު ހަރަކާތްތަކެއް

  • ސާފުކުރުމުގެ ހަރަކާތްތަކެއްވެސް ރޭވިފައިވޭ

ދުނިޔޭގެ ބައިނަލްއަޤަވާމީ ކަނޑު ދަތުރުފަތުރާ ގުޅޭ ދުވަސް ދިވެހިރާއްޖޭގައި މިއަހަރު ފާހަގަކުރުމަށްޓަކައި ހަފްތާއެއްގެ މުއްދަތަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

ވޯލްޑް މެރިޓައިމް ޑޭ ނުވަތަ ދުނިޔޭގެ ކަނޑު ދަތުރުފަތުރާ ގުޅޭ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން ކަނޑައަޅާފައިވަނީ "މާޕޯލް އެޓް 50 – އަވަރ ކޮމިޓްމެންޓް ގޯސް އޮން" އެވެ.

ދިވެހިރާއްޖޭގައި މިދުވަސް ފާހަގަކުރުމަށްޓަކައި ރާވާފައިވާ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މާލޭ ނޯތު ހާބަރުގައި 8 އޮކްޓޯބަރު 2023 ވަނަ ދުވަހުއެވެ. މި ޕްރޮގްރާމުގެ ތެރެއިން ކުރިޔަށްގެންދާ ކަންކަމުގެ ތެރޭގައި އެންމެ އިސްކަމެއްދީގެން މާލޭ ނޯތުހާބަރަށް އަންނަ މުދާ އުފުލާ އުޅަނދުފަހަރުގައި ހުރުން ލާޒިމްވާ ސަލާމަތާ ރައްކާތެރިކަމާ ގުޅޭކަންކަން އުޅަނދުފަހަރުގައި ފުރިހަމަ ކުރެވިފައި ހުރިކަން ޔަޤީންކޮށް ބަލައި ޗެކްކޮށް އެ އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޢުލޫމާތުތަކުގެ ތެރޭގައި 19 މެއި 2023 ގައި އަމަލުކުރަން ފެށި "ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާއި ގުޅޭ ގަވާއިދު" ގައި ހިމެނޭ ކަންކަން ހިމެނިފައި ވެއެވެ. އެގޮތުން މުދާ އުފުލާނަމަ އެ އުޅަނދަށް މުދާ އެރުވިކަމުގެ ލިޔުން ދޭންޖެހޭއިރު އެ ލިޔުމުގެ ސާމްޕަލް ފޮތްތަކެއް އުޅަނދުފަހަރަށް ދޫކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މައުލޫމާތު ދޭންޖެހޭކަން އަންގާ އެކަމަށް އުޅަނދުފަހަރުގެ ކެޕްޓަނުން އަހުލުވެރިކުރުވުން ހިމެނެއެވެ.

ހަމައެހެންމެ އުޅަނދުފަހަރަށް އަރުވާ މުދަލާއި އުޅަނދުފަހަރުގެ ރައްކާތެރިކަމަށްޓަކައި އިންޝޫރަންސްއިން އަދާކުރާ ދައުރު ބުނެދިނުމަށްޓަކައި އަމާނާ ތަކަފުލްއިން އިންޝޫރަންގެ ބޭނުންތެރިކަމާއި އިންޝޫރަންސް ނެގުމުގައި ގެންގުޅެންޖެހޭ ގޮތްތައް ބުނެދީ މިކަމަށް އަހުލުވެރިކުރުވުން ހިމެނެއެވެ. އަދި ހަމައެހެންމެ ސަލާމަތާގުޅޭ މައުލޫމާތު މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ކަމާބެހޭ ބޭފުޅުން ނޯތުހާބަރުގައި ދެމުން ގެންދާނެއެވެ.

މީގެ އިތުރުން މާލޭ ސަރަހައްދުގައި އޮޕަރޭޓްކުރާ ދަގަނޑު އުޅަނދުފަހަރުން މުދާ އުފުލުމުގައި ގެންގުޅެން ލާޒިމްވެފައިވާ މާޕޯލް ކޮންވެންޝަންގެ 6 އެނެކްސްގައި ހިމެނޭ ކަންތައްތަކަށް ބަލާލައިގެން އެ އުޅަނދުފަހަރުގެ ވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި ތެޔޮ އުފުލާ އުޅަނދުފަހަރަށް ލާޒިމްވެފައިވާ ކަންކަން ބުނެދިނުން ހިމެނެއެވެ.

މެރިޓައިމް ހަފްތާ ނިންމުގެ ގޮތުން މާލޭ ނޯތު ހާބަރު އަދި ހުޅުމާލެ ހާބަރު ސަރަޙައްދު 14 އޮކްޓޫބަރުގައި ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ކޯސްޓްގާޑާއި، އެޗް.ޑީ.ސީއާއި އަމާނާތަކަފުލްއާއި މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަންއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ގުޅިގެން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގުރާމެކެވެ.

ބައިނަލް އަޤްވާމީ ކަނޑު ދަތުރުފަތުރާގުޅޭ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ މި ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، މި ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގު އިތުރުކުރުމެވެ.