ޚަބަރު

މުދައްރިސުން އިތުރުކޮށް ތަޢުލީމީ މަންހަޖު ބަދަލުކުރާނަން: ޑރ މުއިއްޒު


  • މިއަދަކީ ބައިނަލްއަގުއާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަސް

  • ޓީޗަރުންގެ އަގުވަޒަން ކުރުމަކީ އެމީހުން އެކުރައްވާ ބުރަ މަސައްކަތައް ދެވޭ ހިތްވަރެއް

  • ތަޢުލީމީ މަންހަޖު އަލުން ބައްޓަން ކުރައްވާނެ ކަމަށްވެސް ވިދާޅުވި

  • މުދައްރިސުން ތާޒާ ކުރައްވައި، ދުޅަހެޔޮކަމަށް ކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި

ކާމިޔާބީގެ އައްސޭރިޔަށް ޤައުމަކަށް ވާޞިލުވެވޭނީ ހަރުދަނާ އަޚްލާގާއި، ތަނަވަސް އިލްމާއި، ކުޅަދާނަ ހުނަރުވެރިކަމުގެ މައްޗަށް ތަޢުލީމީ ނިޒާމު ބިނާވެގެން ކަމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަކިނުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ ފޮނުވި މެސެޖުގައެވެ. ޑރ.މުހައްމަދު މުއިއްޒުގެ މެސެޖްގައި، ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައި މިއަގުހުރި ޚިދުމަތް އަދާކުރައްވާ ހުރިހާ ފަރާތްތަކަށްވަނީ މަރުހަބާ ވިދާޅުވެފައެވެ.

ޑރ.މުއިއްޒު ވިދާޅުވީ މުދައްރިސުންނަކީ އަންނަހައި ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެއްކަމަށެވެ. އަދިއެއީ ޤައުމުން އަނދިރިކަން ނައްތާލާ ބައްތިތަކެއް ކަމަށާއި، ކަތިކަން ނައްތާލާ ރަހަފަތިތަކެއް ކަމަށެވެ.

އަދި ކާމިޔާބީގެ އައްސޭރިޔަށް ޤައުމަކަށް ވާޞިލުވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެޤައުމެއްގެ ތަޢުލީމީ ނިޒާމު ބިނާވެގެން ކަމަށް ވިދާޅުވިއެވެ. އެތިން އަސާސަކީ ހަރުދަނާ އަޚްލާޤާއި، ތަނަވަސް ޢިލްމާއި، ކުޅަދާނަ ހުނަރުވެރިކަން ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދަންނަވާލަން ބޭނުންވާ ދެ ކަމެއް އެބަ އޮތް. ފުރަތަމަ ކަމަކީ މިއަހަރު މުދައްރިސުންގެ ދުވަހުގެ ޝިޢާރުން ވެސް އިޝާރާތްކުރާ އެއް މައްސަލައެވެ. މުދައްރިސުންގެ ޢަދަދު މަދުކަމެވެ. މިއީ ރާއްޖެއަށް ވެސް އޮތް މައްސަލައެކެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ޤައުމަށް ބޭނުންވާ ޤާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލު" އިންތިޚާބީ ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި މިދެ މައްސަލައަށްވެސް އިސްކަން ދެއްވާނެ ކަމަށެވެ. އަދި 21 ވަނަ ޤަރުނުގެ ދަރިވަރެއްގައި ހުނަންޖެހޭ ތޫނުކަމާއި ހުޝިޔާރުކަމާއި، ޤާބިލުކަމާއި، އުޅުންތެރިކަމާއި، އިޖުތިމާޢީ މިންގަނޑުތަކަށް ކަމޭ ހިތުމާއި، އުފަން ބިމަށް ލޯބިކުރުމުގެ މާތް ސިފަ އަށަގަންނާނެފަދަ ގޮތަކަށް ތަޢުލީމީ މަންހަޖު އަލުން ބައްޓަން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މުދައްރިސުން ތާޒާ ކުރައްވާނެ ކަމަށާއި، މުދައްރިސުންގެ ދުޅަހެޔޮކަމަށް ކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. އެގޮތުން މުދައްރިސުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން މީޒާންހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވައި، މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން، މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރައްވާނެ ކަމަށް ޑރ މުހައްމަދު މުއިއްޒުގެ މެސެޖުގައިވެއެވެ. އަދި މުޖުތަމަޢުގައި މުދައްރިސުންގެ ޤަދަރާއި ޝަރަފު މަތިވެރިކުރައްވާނެ ކަމަށްވެސް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.