ޚަބަރު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފި


  • ދެވަނަބުރުގެ ދާއިމީ ނަތީޖާއިންވެސް ކުރި ހޯއްދެވީ ޑރ.މުހައްމަދު މުއިއްޒު

  • ޑރ.މުއިއްޒަށް ލިބިވަޑައިގަތީ %54.04 ވޯޓު

  • އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިވަޑައިގަތީ %45.96 ވޯޓު

  • ބާޠިލް ވޯޓު ގިނަވުމުގެ ކަންބޮޑުވުން އިލެކްޝަން ކޮމިޝަނުން ފާޅުކުރެއްވި

ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ދާއިމީ ނަތީޖާ އިޢުލާން ކުރައްވައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ރޭ ނަތީޖާ އިޢުލާން ކުރެއްވިއިރު ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތެވެ.

ދާއިމީ ނަތީޖާއިން ދައްކާގޮތުންވެސް އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއެވެ. މުއިއްޒަށް 129،159 ވޯޓު ވަނީ ލިބިފައެވެ. މިއީ ވޯޓުލީ މީހުންގެ %54.04 އެވެ.
އިންތިޚާބުގައި ދެން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. މިއީ ވޯޓުލީ މީހުންގެ %45.96 އެވެ.

މި އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު 282804 މީހަކަށް ލިބުނެވެ. މީގެތެރެއިން ވޯޓުލާފައިވަނީ 246915 މީހުންނެވެ. މިއީ އިންސައްތައަށް ބަލާއިރު %87.31 އެވެ.

ވޯޓުލީ އަދަދަށް ބަލާއިރު ސައްޙަ ވޯޓުގެ އަދަދަކީ 239027 ވޯޓެވެ. އަދި ބާޠިލް ވޯޓުގެ އަދަދަކީ 7888 އެވެ.

ދާއިމީ ނަތީޖާ އިޢުލާން ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްވަނީ ބާޠިލް ވޯޓު ގިނަކަމުން މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހަބީބު ވިދާޅުވީ ވޯޓު ކަރުދާސްތައް ނައްތާލުމުގެ ކުރިން ބާޠިލް ވޯޓުތައް ބަލައި ދިރާސާކުރައްވާނެކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރަންޖެހޭނަމަ އެކަން ކުރައްވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.