ޚަބަރު

ކަރަންޓު މަސައްކަތްކުރާ މީހުން، ދަފްތަރުގައި ޖެހުމަށް ހުޅުވާލައިފި


  • ބޭނުމަކީ އެ މަސައްކަތްކުރާ މީހުންގެ ދަފްތަރު އަދާހަމަކުރުން

  • ފޯމު ހުށަހެޅޭނީ އަންނަ އަހަރުގެ އޭޕްރީލް 4ގެ ކުރިން

  • ދަފްތަރު ނުވެއްޖެނަމަ ލައިސަންސް ބާޠިލުވާނެ

ކަރަންޓު މަސައްކަތް ކުރުމުގެ ހުއްދަ ނަގާފައިވާ މީހުންގެ ދަފްތަރު އަޕްޓޭޓުކުރުމަށްޓަކައި، އެފަދަ މަސައްކަތްކުރާ މީހުން، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށައަޅަން އެދިއްޖެއެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކަރަންޓު މަސައްކަތް ކުރާ ފަރާތްތަކުން، ދަފްތަރުވުމަށް އެކަމަށް ޚާއްޞަ ފޯމު، އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4ގެ ކުރިން ހުށައެޅުމަށް އެދޭކަމަށެވެ. އަދި މި ފޯމު، ޔޫޓިލިޓީ އޮތޯރިޓީގެ ވެބްސައިޓުންވެސް ލިބޭނެކަމަށް މި ބަޔާނުގައި ވެއެވެ.

މީގެ އިތުރަށް، ޔޫޓިލިޓީ އޮތޯރިޓީން ދީފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަކީ، ކަރަންޓު މަސައްކަތް ނުކުރާ ފަރާތްތަކެއްކަމަށް ނިންމާނެކަމަށްވެސް އެ އޮތޯރިޓިން ބުންޏެވެ. އެގޮތުން މިއަހަރުގެ މާރޗް މަހުގެ 15 ކުރިން ނަގާފައިވާ ހުރިހާ ލައިސަންސެއް ބާޠިލް ކުރެވޭނެކަމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

ކަރަންޓު މަސައްކަތްކުރާ މީހުންގެ އައު ދަފްތަރެއް އެކުލަވާލުމުގެ ބޭނުމަކީ، ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެދުމުގެ ކުރިން އެހެނިހެން މުއައްސަސާތަކުން، ލައިސަންސް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން، މިހާރުވެސް ކަރަންޓު މަސައްކަތް ކުރާ ފަރާތްތަކަކީ ކޮބައިކަން ދެނެގަތުމެވެ. އަދި އެ ފަރާތްތަކުގެ ވަނަވަރު އެއްކޮށް، މުޢާމަލާތް ކުރެވޭނެ ގޮތުގެ މަޢުލޫމާތު އައު ކުރުން ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ދަށުން، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކުގެ ތެރެއިން ފެނާއި، ނަރުދަމާއާއި، ކަރަންޓު އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ހިންގުމަށްޓަކައި އުފައްދަވާފައިވާ އިދާރާއެކެވެ.