ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ފޯރުކޮށް ދެއްވުމަށް އައު ސަރުކާރުން، ތަރުޖަމާނެއްގެ ގޮތުގައި މުހައްމަދު ފިރުޒުލް ޢަބްދުﷲ ޙަލީލް ހަމަޖައްސަވައިފިއެވެ.
ދ. ކުޑަހުވަދޫއަށް އުފަން ފިރުޒުލް ވަނީ މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ. އޭނާ ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ވަރަށް އިސްދައުރެއް އަދާ ކުރައްވާފައެވެ. އެގޮތުން ކެމްޕޭންގެ ބޮޑެތި އިވެންޓުތައް ހުށަހެޅުއްވުމާއި، ކެމްޕޭންގެ އެހެނިހެން ކަންކަމުގައިވެސް ފިރުޒުލް ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ.
ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އިސް މެމްބަރަކަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަރާތުން ކަނޑައަޅުއްވާފައިވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ. ކޮމެޓީގެ މަސައްކަތްތައް ފެށުމަށްޓަކައި އަބްދުއްރަހީމް ގެންދަވަނީ ކޮމެޓީތައް އެކުލަވާލައި މިފެށޭ ހަފްތާގައި އޮފީސްތަކާއި، ކުންފުނިތަކާއި މުވައްސަސާތަކަށް ޒިޔާރަތް ކުރުމަށް ތައްޔާރު ވަމުންނެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަނަލްގެ މަސައްކަތް ކުރުމަށް ގާނޫނުގައިވާ ގޮތުގެ މަތިން ބައެއް ކަންކަން ހަމަޖައްސައިދޭން ޖެހެއެވެ. އޭގެ ތެރޭގައި އިންތިޚާބީ ރައީސްގެ އޮފީހަކާއި އެތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެމީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ. ގާނޫނުގައިވާ ގޮތުން ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ކަންކަމަށް އެންމެ ގިނަ ވެގެން ޚަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންވެސް ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. އެކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރުއެވެ. އަދި ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.