ޚަބަރު

އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވައި ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް: ހަބީބު


  • ރައީސް ޞާލިހު ދެއްކެވީ ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް

  • މިފަހަރު ފެނިގެންދިޔައީ ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް

  • އިންތިޚާބުގެ ކަންކަން މިހާ ފުރިހަމައަށް ދިޔައީ ކޮމިޝަންގެ މުވައްޒަފުންގެ ބުރަ މަސައްކަތުން

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި އެކަން އިއުލާން ކުރެއްވި ކަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްކެވި ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިއުލާން ކުރެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް އަމާން ކަމާއި އޮމާންކަމާއިއެކު ނިމިގެން ދިޔަކަމީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އިންތިޚާބުން ޢާންމުކޮށް ބަލިވާ ފަރާތްތަކުން ފާއިތުވެދިޔަ އިންތިޚާބުތަކުގައި އިލެކްޝަނާއިމެދު އެކި ތުހުމަތު ކުރައްވައި އެކި ކަންކަން ހިނގާފައިވާކަން ހަބީބު ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިއިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވައި ރައީސް ޞާލިހު އެކަން އިއުލާން ކުރެއްވި ކަމީ އިންތިޚާބުގެ އެންމެހާ ކަންކަން ސުލްހަވެރިކަމާއިއެކު ނިމިގެންދިޔަ އެންމެ ބޮޑު ސަބަބުކަމަށް ހަބީބު ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ރައީސް ޞާލިހު ދެއްކެވި ރީތި މިސާލެއްކަން ފާހަގަކުރައްވައި ހަބީބު ވަނީ ރައީސް ޞާލިހާއި އެމްޑީޕީގެ ޢާންމު މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

"މިހާތަނަށް ބޭއްވުނު ބައެއް އިންތިޚާބު ތަކުގައި އެއިންތިޚާބުތައް ކާމިޔާބު ނުވުމުން ބައެއް ކަހަލަ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނަށް ކޮށްފަ އެބަހުރި. އެހެން ނަމަވެސް މިފަހަރު ފެނިގެންދިޔައީ ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް. ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނު ނަމަވެސް ޑިމޮކްރަސީގެ ހަމަތަކުން އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވައި އެކަން އިއުލާން ކޮށްދެއްވި ކަމަށްޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝުކުރު ދަންނަވަން. މި ޝުކުރުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ވެރިންނާއި އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވަން. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދެއްކެވީ ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް." ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް ލިބިވަޑައިގަތީ %39.05 ވޯޓެވެ. ދެވަނަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ %45.96ވޯޓެވެ. ފުރަތަމަ ބުރާއި ދެވަނަ ބުރުގައިވެސް އެމަނިކުފާނުގެ މައްޗަށް އިދިކޮޅު ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުރިހަމަ ކާމިޔާބީއެއް ހޯއްދަވާފައެވެ. މިއީ ރައީސް ޞާލިޙުގެ 29 އަހަރުގެ ސިޔާސީ ހަޔާތްޕުޅުގައި ކުރިމަތިލެއްވި ފުރަތަމަ ނާކާމިޔާބީއެވެ.

އިންތިޚާބުގެ ކަންކަން ހިނގައިދިޔަ އަމާން ކަމާއި އޮމާންކަމަށްޓަކައި އިންތިޚާބު އޮބްޒާވްކުރަން ވަޑައިިގެންނެވި ރާއްޖެއިން ބޭރުގެ އޮބްޒާވަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އަދި އިންތިޚާބު ކަވަރުކުރި އެކި އިދާރާތަކާއި، މުއައްސަސާތަކުންވެސް ވަނީ އިންތިޚާބުގެ ކަންކަން ހިނގައިދިޔަ ފުރިހަމަ ކަމަށްޓަކައި އެކޮމިޝަނަށް ޝުކުރު އަދާކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު މިހާ ސުލްހަވެރިކޮށް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ދިޔައީ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްއާއި، ހުރިހާ މުވައްޒަފުންނާއި، ވޮލެންޓިއަރުން ރެއާއި ދުވާލު ވަރުބަލިކަމެއްނެތި ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެކަމަށްޓަކައި ކޮމިޝަންގެ ރައީސާއި ނައިބް ރައީސް ވަނީ ހުރިހާ މުވައްޒަފުންނާއި، އިންތިޚާބުގައި ހަރަކާތްތެރިވި ހުރިހާ އޮފިޝަލުންނަށްވެސް ޝުކުރު ދަންނަވާފައެވެ.