ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން އަބަދުވެސް އެހީތެރިވެދޭނެ: ޗައިނާ


  • ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުން މިދައުރުގައި އިތުރު ޙަރުފަތަކަށް ދިޔުމަށް އެދިވަޑައިގެންނެވި

  • ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ޑރ.މުޢިއްޒު ފާހަގަކުރެއްވި

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ދައުރުގައި ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެއެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޗައިނާ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސްވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، ޗައިނާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އައު ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް ޗައިނާ ސަފީރު ދެއްވިއެވެ.

ޑރ.މުޢިއްޒުގެ ވާހަކަފުޅުގައިވަނީ ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ވެދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ފެށިގެންދާ އައު ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކުރެއްވުމުގައި، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއި ބައިވެރިވުމަށް ޑރ.މުޢިއްޒުވަނީ އެދިވަޑައިގަންނަވާފައެވެ.

އިންތިޚާބީ ރައީސް ޑރ.މުޢިއްޒާއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި އިންތިޚާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފްވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.