 
										
			ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފިއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމުންގެ ވޯޓެއް ނެގަން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤަރާރާ ގުޅިގެން، އަދަލާތު ޕާޓީން ގޮތެއް ނިންމުމަށް ރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ އިއްތިފާގުން ވަނީ ރާއްޖޭގައި ފެންނަން އޮންނަ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ފާސް ކުރައްވާފައެވެ. 
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނުފެންނަކަމަށް އެމްޑީޕީވެސްވަނީ ރޭ ނިންމާފައެވެ.  
		
 
										
			ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށައެޅީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އެ ގަރާރު ފާސްކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ޤަރާރާއި ގުޅިގެން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން މިހާރު އޮތް މުއްދަތުގައި އެވޯޓު ނުގެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މަޖިލީހަށް އަންގާފައެވެ. 
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޑިމޮކްރެޓްސްގެ މެމްބަރުން ފިޔަވައި އެހެން އެއްވެސް ސިޔާސީ ޕާޓީއަކުންވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވައެވެ.