ޚަބަރު

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ޢިއުލާންކުރުން މާދަމާ ރޭ


  • އިންތިޚާބުގެ ރަސްމީ ނަތީޖާ ޢިއުލާންކުރާނީ މާދަމާ ރޭ 0830 ގައި ދަރުބާރުގޭގައި

  • އިލެކްޝަނުން މިހާރުވަނީ ވަގުތީ ނަތީޖާއާއި ޖުމްލަ ވަގުތީ ނަތީޖާ ޢިއުލާންކުރައްވާފައި

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މާދަމާ ރޭ ޢިއުލާންކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ މާދަމާރޭ 0830 ގައި އިޢުލާންކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ރަސްމީ ނަތީޖާ ޢިއުލާންކުރުމަށް ހަމަޖެހިފައިވަނީ އިންތިޚާބާ ބެހޭ މަރުކަޒުގެ ގޮތުގައި މިހާރުން ހަމަޖައްސާފައިވާ ދަރުބާރުގޭގައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއާއި ޖުމްލަ ނަތީޖާ ޢިއުލާންކޮށްފައިވާއިރު ބޮޑު އަޣްލަބިއްޔަތަކުން މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ ވޯޓުލީ މީހުންގެ 54.04 އިންސަތަ ވޯޓާއެކުއެވެ. އަދި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 45.96 އިންސައްތަ ވޯޓެވެ.

އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ގެންދަވާފައިވަނީ ދެފުށްފެންނަ އަދި ރައްޔިތުންގެ އިތުބާރު އިންތިޚާބަށް އޮންނާނެ ފަދަ ގޮތަކަށް ކަމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން އިންތިޚާބު އޮބްޒަރވްކުރި ޖަމިއްޔާތަކުންވަނީ ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގައި ރިޔާސީ އިންތިޚާބެއް އެންމެ އަމާންއޮމާންކޮށް ދިޔަ ފަހަރުކަން ފާހަގަކުރެވެއެވެ. ކޮންމެވެސް ވަރެއްގެ ޝަކުވާތަކެއް އިލެކްޝަނަށް ލިބިފައިވީނަމަވެސް އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ޝަކުވާއެއް ލިބިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުންވެސްވަނީ ވިދާޅުވެފައެވެ.