އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އިންޑިއާގެ ގަދަބާރު މޯހަން ބަގާން ސުޕަ ޖަޔަންޓުން ފަހު ވަގުތު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފިއެވެ.
ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު މޯހަން ބަގާނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މާޒިޔާ އަތުން މޯހަން ބަގާނުން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ.
މިރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މޯހަން ބަގާނުންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްކޮޓްލަންޑުގެ ފޯވާޑް ޖޭސަން ކަމިންގްސްއެވެ.
އޭގެ ފަހުން މެޗުގެ 41 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން މޯހަން ބަގާނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން އެ ޓީމުގެ އަލްބޭނިއާގެ ފޯވާޑް އާމަންޑޯ ސަޑިކުއަށް މާޒިޔާގެ ޑިފެންޑަރު ސާބިއާގެ ބްރަނިމީރް ޔޮޗިޗް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެކަމަކު މި ޕެނަލްޓީ ގޯލަށް ފޮނުވާލުމުގެ ބަދަލުގައި މޯހަން ބަގާނުގެ ކަމިންގްސް އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ޖައްސާލި ބޯޅަ، މާޒިޔާގެ ޑިފެންޑަރު ކްރޮއޭޝިއާގެ ސެބާސްޓިއާން އެންޓިކް ވަނީ ދިފާއުކޮށްފައެވެ.
އެއާއެކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މާޒިޔާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ބޭރުން ފޮނުވާލި ރީތި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓޮމޯކީ ވާޑާއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ގޮތުގެ ދެވަނަ މިނެޓުގައި މޯހަން ބަގާނުން ވަނީ އަލުން ލީޑު ނަގާފައެވެ. ބަދަލަކަށް ކުޅެން އެރި ސަހާލް އަބްދުލް ސަމަދު ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ކަމިންގްސްއެވެ.
މި މެޗުން މޯހަން ބަގާން މޮޅުވިއިރު، މި ގްރޫޕްގެ އަނެއް މެޗުގައި މިއަދު ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް ވަނީ އަމިއްލަ ދަނޑުގައި އިންޑިއާގެ އޮޑީޝާ އެފްސީ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާ މޯހަން ބަގާނެވެ. ދެވަނައިގައި އޮތް މާޒިޔާ އާއި ތިންވަނައިގައި އޮތް ބަޝުންދަރާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އޮޑިޝާއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އޭއެފްސީ ކަޕުގައި މާޒިޔާއިން ދެން ކުޅޭ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ އޮޑިޝާއާ ދެކޮޅަށެވެ.