ޚަބަރު

މާލެ ސިޓީ ކައުންސިލުގެ މަރުޙަބާ އިންތިޚާބީ ރައީސް ޑރ.މުޢިއްޒަށް


  • މާލެ ސިޓީ ކައުންސިލުންވަނީ މޭޔަރުކަމުގައި ހުންނަވާ ކުރެއްވި މަސައްކަތަށް ޝުކުރުއަދާކޮށްފައި

  • ރިޔާސީ އިންތިޚާބުގެ ދެބުރުވެސް ބޮޑު ތަފާތަކުން ޑރ.މުޢިއްޒުވަނީ ކާމިޔާބުކުރައްވާފައި

  • ޑރ.މުޙައްމަދު މުޢިއްޒުވަނީ މާލެ ސިޓީގެ މޭޔަރުކަންވެސް ކުރައްވާފައި

މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ނޫސ ބަޔާނުގައިވަނީ މާލެ ސިޓީގެ މޭޔަރގެ ހައިސިއްޔަތުން މާލޭ ސިޓީއަށް އެކި ގޮތްގޮތުން ޚިދުމަތްކުރައްވަމުން، ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކާމިޔާބީ ފާހަގަކޮށް މާލޭ ސިޓީ ކައުންސިލްގެ ނަމުގައި މަރުޙަބާ ދަންނަވާކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގައި ހުންނަވާ ވޭތުވެދިޔަ ތަނުގައި މާލޭ ސިޓީ ކައުންސިލުގެ ހިންގުން ވަރަށް ބޮޑަށް ހަރުދަނާކުރެއްވިކަން ސިޓީކައުންސިލްގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި ޒަމާނީ ހަލުވި ޚިދުމަތްތައް ތަޢާރަފްކުރައްވާ، ލާމަރުކަޒީ ޤާނޫނުން ލާޒިމްކުރާ ކަންކަން އޭގެ ފުރިހަމަ ގޮތުގައި ތަރުތީބު ކުރައްވައި ކައުންސިލްގެ އާމްދަނީ އިތުރުކުރެއްވުމަށް މަސައްކަތްކުރައްވާ، ކައުންސިލްގެ މަސައްކަތްތައް ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދެވިކަން ސިޓީ ކައުންސިލުންވަނީ ފާހަގަކުރައްވާފައެވެ.

އަދި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނަކީ ޤާބިލު ބަޔަކަށް ހެދުމަށް މަސައްކަތްކުރައްވާ މުވައްޒަފުންގެ އަގުވަޒަންކުރައްވާފައިވާތީ އެކަން ސިޓީ ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. ހަމައެއާއެކު ސިޓީ ކައުންސިލްގައި ހުންނަވައިގެން ކުރެއްވި މަސައްކަތަށްވުރެ ބޮޑު މަސްއޫލިއްޔަތަކާ ޙަވާލުވެވަޑައިގަތުމާއި ގުޅިގެން އެކަމުގައިވެސް ކާމިޔާބީއަށް ސިޓީ ކައުންސިލުންވަނީ އެދިވަޑައިގެންފައެވެ.

ޑރ.މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމަށް ވަޑައިގަތީ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށް ބޮޑު އަޣްލަބިއްޔަތަކާއެކުގައެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ 54.04 އިންސައްތަ ވޯޓާއެކުގައެވެ. މިއާއެކު ޑރ.މުޢިއްޒު ވެވަޑައިގަތީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސްއަށެވެ.