ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ މަސައްކަތް ދިޔައީ ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަށްކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު އިންތިޚާބަށް ލިބިފައިވާކަމަށް އިންތިޚާބު އޮބްޒަރވް ކުރި ޔޫރަޕިއަން ޔޫނިއަންއިން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަގޮތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޔޫރަޕިއަން ޔޫނިއަންގެ ޗީފް އޮބްޒާވަރ، ނާޗޯ ސަންޗޭޒް އަމޯރ ވިދާޅުވީ ރިޔާސީ އިންތިޚާބު އޮތް ދުވަހު ކަންހިނގާފައިވަނީ ވަރަށް އަމާންއޮމާންކޮށް ކަމަށެވެ. އެހެންކަމުން އިންތިޚާބާއި މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ބޮޑުވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ އިންތިޚާބުގެ ދެބުރުގެ ދެމެދުގައި ލިބުނު ކުޑަ މުއްދަތުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ކުރިމަތިވީ ނިޒާމާއި ގުޅޭ ވޯޓަށްވެސް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވިކަން ފާހަގަކުރައްވާ ނާޗޯޒް ވިދާޅުވީ އެކަމުގެ އަސަރު ރިޔާސީ އިންތިޚާބަށް ކުރިޔަނުދީ ކޮމިޝަނުން މަސައްކަތް ކުރައްވާފައިވަނީ ވަރަށް ފުރިހަމައަށްކަމަށެވެ.
"އިލެކްޝަން ކޮމިޝަނުން ދެވަނަ ބުރުގައިވެސް މަސައްކަތް ކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް. ދެފުއް ފެންނަ ގޮތަކަށް އިންތިޚާބުގެ ދެވަނަ ބުރުގައިވެސް މަސައްކަތްކުރުމުގެ ނަތީޖާއަކީ މިއިންތިޚާބަށް ރައްޔިތުންގެ އިތުބާރު ލިބިގެންދިޔުން."
އިންތިޚާބުގެ ދެވަނަ ބުރުގައި އޮބްޒަރވް ކުރައްވަމުން ގެންދެވިއިރު އެންމެ ބޮޑަށް ފާހަގަވީ ދެކެންޑިޑޭޓުންގެ ކެމްޕޭންގައިވެސް ޒާތީގޮތުން ކުރަމުންދިޔަ އެންޓިކެމްޕޭންކަމަށެވެ. އެގޮތުން ދެކެންޑިޑޭޓުންނާއި ގުޅޭގޮތުން ޙަގީގަތާއި ޚިލާފު އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާއާއި އޮންލައިން ބައެއް މީޑިއާތަކުން ފަތުރަމުންދިޔަކަން ނާޗޯ ސަންޗޭޒްވަނީ ފާހަގަކުރައްވާފައެވެ.
ރިޔާސީ އިންތިޚާބު އޮބްޒަރވްކުރުމަށް އީޔޫގެ ފަރާތުން 36 އޮބްޒަރވަރުންވަނީ ޙަރަކާތްތެރިވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ވޯޓުލީ 119 މަރުކަޒެއް އީޔޫއިންވަނީ އޮބްޒަރވްކޮށްފައެވެ. އަދި މާލެ ހިމެނޭހެން 14 އަތޮޅަކުން 56 ރަށެއްގައާއި 5 ރިސޯޓެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައްކައިރީވެސް އީޔޫގެ އޮބްޒަރވަރުން ޙަރަކާތްތެރިވެފައިވެއެވެ.