ޚަބަރު

ހެޔޮ ވެރިކަމެއް ކޮށްދެވުނުކަމުގެ އުފާ ލިބޭ: ރައީސް


  • ކާމިޔާބީގެ ލިސްޓުން ބައެއް ކަންކަން ހިއްސާކުރެއްވި

  • ތަޖުރިބާއާއި ޢިލްމުގެ އަލީގައި ގައުމަށް ޚިދުމަތް ކުރުމުގައި ހުންނަވާނެކަމަށް

  • ކުރެއްވުނު މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާ ކުރާނެކަމަށް

ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެވުނުކަމާއި، ހެޔޮވެރިކަމެއް ކުރެވިއްޖެކަމުގެ އިޙްސާސް ކުރެއްވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބުވުމަށް ފަހު ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވެރިކަމުގެ ދައުރުގައި ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެވުނުކަމުގެ އިޙްސާސް ކުރެއްވޭކަމަށެވެ. އަދި ހެޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެވުނުކަމުގެ އިޙްސާސްވެސް އެމަނިކުފާނަށް ކުރެއްވޭކަން ފާހަގަކުރައްވާ ރައީސް ވަނީ ކެބިނެޓާއި ރައީސް އޮފީހުގެ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ދެއްވި މެންބަރުންނާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއި މީޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ތަފާތު ފިކުރުގެ މީހުންނާއެކުވެސް މަސައްކަތް ކުރެއްވުމަކީވެސް ކާމިޔާބީއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. ސަރުކާރުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވީ ހިލޭ ޑިގްރީއަށް ކިޔެވޭނެ އިންތިޒާމާއި، ތަޢުލީމީ ދާއިރާއަށް ގެނެވުނު ހެޔޮ ބަދަލުތަކެވެ. މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ އެތައް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށާއި، ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވުނު މަސައްކަތްތަކަކީވެސް ކާމިޔާބު މަސައްކަތުގެ ލިސްޓުގައި ހިމެނޭކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެކަންކަމަށް ޖަޖުކުރާނީ ރައްޔިތުން. އަޅުގަނޑަށް ފެނޭ މީގެ ދުވަސްކޮޅެއް ފަހުން ރައްޔިތުން އެވާހަކަ ދައްކާނެކަން. އަޅުގަނޑުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސް ކަންނޭނގެ ތަރުތީބު ކޮށްލަން. އެކަމަކު، އަޅުގަނޑަށް ފާހަގަވީ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުންކަން. ހަމަޖެހުން ގާއިމް ކޮށްދެވުނުކަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދައުރުގައި އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ ވޯޓު އިތުރުވާނެ ގޮތް ބައްލަވައިގެން ނޫން ކަމަށާއި ގައުމީ ތަރައްގީއަށް އެންމެ މުހިއްމުވާނެ ކަންކަމަށް ފޯކަސް ކުރައްވައިގެން "ކުޑަ ރަށެއް ބޮޑު ރަށެއް" ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށްކަމަށެވެ. އަދި އޭގެ ހެޔޮ އަސަރު ރައްޔިތުންނަށް ކުރަމުންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސްކަމަށާއި، އެކަމުގައި ޤާނޫނީ ހުރަހެއް ނެތްނަމަ އެ ދުވަހު ސަރުކާރު ބަދަލުވާނެކަމަށެވެ. ސަރުކާރު ބަދަލުވާނެ ދުވަހަކީ ނޮވެމްބަރު 11 ވަނަ ދުވަސްކަމަށް އޮތުން އެއީ އެމަނިކުފާނު އެންމެ ބޮޑަށް އެދިވަޑައިގަންނަވާ ދުވަސްކަމަށާއި، އެގޮތަށް ކުރެވޭތޯ މަސައްކަތް ކުރައްވާނެކަމަށެވެ.

"ނޮވެމްބަރު 11 އަކީ ތާރީޚުގައި ވެރިކަންތައް ބަދަލުވަމުން އައި ދުވަސް. އެގޮތަށް އެކަން ކުރުމަށް އަޅުގަނޑު މަސައްކަތްކުރާނެ ވާހަކަ އަޅުގަނޑުވާނީ ދަންނަވާފަ. އޭގެ މަސައްކަތަށް ޤާނޫނީ ގޮތުން ހުރަހެއް ނެތްކަމުގައި ވަނީނަމަ ނޮވެމްބަރު 11ގައި ބަދަލުވެގެންދާނެ، ޤާނޫނީ ހުރަހެއް އޮތްތޯ ނެތްތޯ ބަލަމުން މިދަނީ." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 5 އަހަރުގެ ތެރެއިން 2 އަހަރު ހޭދަކުރަންޖެހުނީ ކޯވިޑްގެ ބަލިމަޑުކަމުގައެވެ. އެހެންނަމަވެސް ރައްޔިތުންނަށް ތަކުލީފެއް ނުދީ ސަރުކާރުން ގެންދެވީ ދެވެން ހުރި ލުއިތައްދެއްވާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް އެލަވަންސެއް ދެއްވުމާއި ހުއްޓެމުން ދިޔަ ވިޔަފާރިތައް ކޮޅަށް ޖެހުމަށް ދިން ވިޔަފާރީގެ ލޯންތައް ހިމެނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމާއެކު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖައްސަވާ، ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ރައީސް ޞާލިޙު ވަނީ ހިންގަވާފައެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

ޚާއްސަކޮށް އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ހެޔޮ ބަދަލާއި، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ހިންގަވާ މަޝްރޫޢަކީ މި ސަރުކާރުގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އަދި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތާއި މަތީތަޢުލީމުގެ ގިނަ ފުރުޞަތުތަކާއި، ސްކޯލާޝޮޕްގެ ގިނަ ފުރުޞަތުތަކަކީވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފަހަގަކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެކެވެ.