ޚަބަރު

24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް، 75.2 މިލިމީޓަރުގެ ވާރޭ


  • މާލެއަށް 75.2 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

  • ބ.ދަރަވަންދޫ، ކ.ދިއްފުށި، ކ.ކާށިދޫ އަދި ބ.ގޮއިދުއަށްވެސް ގިނައިން ވާރެ ވެހުނު

  • ފެންބޮޑުވެ ގެއްލުންވެގެން ރެކޯޑްކޮށްފައިވަނީ އއ.ރަސްދުއާއި ނައިފަރުން

ވޭތުވެދިޔަ 24 ގަޑިއިރު މާލެއަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހިއްޖެއެވެ.

މާލެއަށް ބޯކޮށް ވިއްސާރަކުރަން ފެށީ އިއްޔެ ރެއިން ފެށިގެންނެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިންޢާންމުކުރެއްވި ތަފާސް ހިސާބުތައް ދައްކާގޮތުގައި ރެއިން ފެށިގެން މިހާތަނަށް މާލެއަށް ވަނީ 75.2 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

އެންމެ ބޯކޮށް ވާރޭ ވެހުނީ ރޭ އިރާކޮޅުއެވެ. ރޭ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރުތެރޭ 53.7 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ރޭގެ އިރާކޮޅުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން ފެންބޮޑުވެ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުން ވަނީ މާލޭގެ ދެ ސަރަޙައްދަކުން ޕަމްޕް ޖަހައިގެން ފެން ހިންދުމުގެ މަސައްކަތްކޮށްފައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ރެކޯޑްކޮށްފައިވަނީ ބ.ދަރަވަންދުއަށެވެ. ދަރަވަންދުއަށް ވަނީ 64 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ހުޅުލެއަށް ވެހުނުކަމަށް ރެކޯޑްކޮށްފައިވަނީ 63.7 މިލިމީޓަރުގެ ވާރެއެވެ.

މީގެއިތުރުން ކ.ދިއްފުށި، ކ.ކާށިދޫ އަދި ބ.ގޮއިދުއަށްވެސް ބޯކޮށް ވާރޭވެހުނުކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތީރިޓީން ވިދަޅުވީ ފެންބޮޑުވެ ގެއްލުންވެގެން މިހާތަނަށް ރިޕޯޓްކޮށްފަައިވަނީ އއ.ރަސްދުއާއި، ޅ.ނައިފަރުން ކަމަށެވެ. އެރަށުގެ ބައެއް ގެތަކަށް ފެން ވަދެ ގެއްލުންވެގެން، އެކަން އަންނަނީ ބަލަމުންނެވެ. ރަސްދުއަކީ ބިންގަޑު ހަރު ރަށަކަށްވާތީ، ފެން ނުހިނދުމުގެ މައްސަލަ އަބަދުވެސް ކުރިމަތިވާ ރަށެކެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މުސުމީ ވިއްސާރައެވެ. މޫސުމާއި ބެހޭ ޤައިމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 4 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މެޓުން މިހާރުވެސް އޮތީ މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލަރޓްވެސް ނެރެފައެވެ. އެގޮތުން ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 40 މޭލަށް ވައިގަދާވެނަކަމަށް ވަނީ ލަފާކޮށްފައެވެ.

އާއްމުގޮތެއްގައިވެސް ވައި ބާރުވާނެއެވެ. އެގޮތުން 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. މެޓުން ވިދާޅުވީ ވަޔާއެކު ކަނޑުތައްވެސް ގަދަވާނެކަމަށެވެ. ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާ 6 ފޫޓާ ދެމެދުގެ އުސްމިނުގައެވެ.

މެޓުން ލަފާކުރާގޮތުގައި ބުދަ އަދި ބުރާސްފަތި ދުވަހު، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވެއެވެ.

އެހެންކަމުން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްްވުމަށް، މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.