މާލެއަތޮޅުގެ ރަށްތަކުން އެކި ގޮތްގޮތުން ތަފާތު ޚިދުމަތް ކުރައްވައި، އެކި ރޮނގުރޮނގުން ކާމިޔާބީ ޙާސިލުކުރި ފަރާތްތަކަށް މާލެއަތޮޅު އެވޯޑް ދެއްވައިފިއެވެ.
މިއެވޯޑް ދެއްވީ އެއަތޮޅު މާފުށީގައި ރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ކ. މާފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި އެކި ދާއިރާތަކުން އަގުހުރި ޚިދުމަތް ކޮށްދެއްވި ފަރާތްތަކަށްވަނީ އެކަމުގެ އަގުވަޒަންކޮށް އެވޯޑްދެއްވާފައެވެ. އެގޮތުން 30 އަހަރުވަންދެން ކ. އަތޮޅު އެކި ރައްރަށުގަޔާއި، ސަރުކާރަށް ޚިދުމަތްކޮށްދެއްވި 15 ފަރާތަކަށް މާލެ އަތޮޅު ކައުންސިލުންވަނީ ޝަރަފްވެރިކަމުގެ ރަންއައްޑަނަ އަރުވާފައެވެ.
މީގެ އިތުރުން 20 އަހަރު ދުވަހު ޚިދުމަތް ކުރެއްވި ފަރާތްތަކަށް މާލެ އަތޮޅު ރިހި ފަތް އަރުވައި، 10 އަހަރުގެ ޚިދުމަތްތެރިންނަށް ރަންވަންލޯ އެވޯޑްވެސް ވަނީ އަރުވާފައެވެ. އަދި 2015 ވަނަ އަހަރުގެ ކ. އަތޮޅު މަތީ ތައުލީމް އެވޯޑް، ހާސިލްކުރެއްވި ފަރާތަށްވެސް އެވޯޑް ދެއްވާފައިވެއެވެ. މި އެވޯޑް ހާސިލްކުރީ ކ. ހުރާ މީނާޒް ޑރ. ރަހީމާ އަބްދުރަހީމެވެ. އަދި ތައުލީމީ ގޮތުން އެންމެ މޮޅު ސްކޫލުގެ ގޮތުގައި ކ. ގުޅީ ސްކޫލަށް ވަނި އެވޯޑްލިބިފައެވެ.
އެކިއެކި ޤައުމީ މުބާރާތްތަކާއި އަތޮޅުގައި ބެއްވުނު މުބާރާތްތަކުން މަތީ ވަނަ ހޯދި ދަރިވަރުންނަށްވެސް ވަނީ އެކަމުގެ އަގުވަޒަންކޮށް އެވޯޑްދީފައެވެ. އެގޮތުން މުޅި އަތޮޅަސް ބެއްވި ގުރުއާން މުބާރާތުން އެއްވަނަ ހޯދި މަރިޔަމް އަރީން އީސާއަށް އެކަން ފާހަގަކޮށް އެވޯޑުދީފައިވެއެވެ. އަދި އެންމެ މޮޅު ސާނަވީ އެދުރުގެ އެވޯޑް ލިބުނީ، ގުޅީ ސްކޫލްގެ ޓީޗަރ އާއިޝަތު ޝަރުމާއަށެވެ.
މިހަފްލާގެ ޝަރަފްވެރި މެހްމާން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ރައްޔިތުންގެ އެކުވެރިކަމުގެ ސަބަބުން އިޤްތިސާދީ ގޮތުންނާއި، ތަރައްގީގެ ރޮނގުން މާލެ އަތޮޅު މާފުއްޓަކީ، ރާއްޖެގެ ހުރިހާ ރަށްރަށަކަށް ވަރުގަދަ މިސާލެއްކަމަށެވެ. މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން ތަރައްގީގެ ގޮތުން ކުރިއަރާފައިވާ ހުރިހާ ރަށްތަކަކީވެސް އެރަށެއްގެ ރައްޔިތުންގެ ހިތްވަރުން މަސައްކަތްކޮށް ތަރައްގީ ހޯދާފައިވާ ރަށްތައްކަމަށެވެ. އެހެންކަމުން ސަރުކާރުން ކަންކަން ކޮށްދެން ދެން ތިބުމުގެ ބަދަލުގައި ރައްޔިތުންގެ އެއްބާރުލުމާއެކު ކަންކަން ކުރުންމުހިންމުކަމުގައި ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މާލެ އަތޮޅު އެވޯޑް، އަތޮޅު ކައުންސިލުން އިސްނަންގައިވައިގެން ދެއްވާކަމީ، ލާމަރުކަޒީ ނިޒާމު ދޮންވެ ފައްކާވަމުންދާ ކަމުގެ މިސާލެއްކަން ފާހަގަކުރައްވައި އެހެން އަތޮޅު ކައުންސިލްތަކުންވެސް މިފަދަ ހަރަކާތްތަށް ކުރިއަށް ގެންދެވުމަށް މިނިސްޓަރވަނީ އެދިލައްވާފައެވެ.