ޚަބަރު

ރައީސް ޞާލިޙުގެ 29 އަހަރުގެ ސިޔާސީ ހަޔާތުގެ ފުރަތަމަ ނާކާމިޔާބީ


  • ސިޔާސީ މައިދާނަށް ނުކުންނެވީ 1994 ވަނަ އަހަރު

  • 1994 އަހަރުން ފެށިގެން ވެރިކަމުގެ ހުވާ ކުރެއްވުމާ ހަމައަށް މަޖިލީހުގައި މަސައްކަތްކުރެއްވި

  • ސިޔާސީ ދާއިރާއިން ކާމިޔާބު ޓްރެކް ރެކޯޑެއް އޮތް ބޭފުޅެއް

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު ލިބިވަޑައިގެންނެވި ނާކާމިޔާބީއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސިޔާސީ ހަޔާތްޕުޅުގައި ފުރަތަމަ ފަހަރަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއެވެ. މި ނާކާމިޔާބީއަކީ 1994 ގައި އެ މަނިކުފާނު ސިޔާސީ ހަޔާތްޕުޅު ފެއްޓެވި ފަހުން އިންތިޚާބެއްގައި ބަލިވި ފުރަތަމަ ފަހަރުވެސްމެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމުގެ ޝައުޤުވެރިކަން އެންމެބޮޑަށް އުފެދުނީ ޓީވީ މޯލްޑިވްސްގައި މަސައްކަތްޕުޅުކުރެއްވި ދުވަސްވަރު އޭރު ބާއްވަމުންދިޔަ އަތޮޅުވެރިންގެ ބައްދަލުވުންތަކަށް ނޫސްވެރިއެއްގެ ގޮތުގައި ވަޑައިގެން އުޅުއްވިއިރު، އަތޮޅުތަކުގެ ހާލަތު ވަޒަން ކުރެއްވުމުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވެއެވެ. އަދި ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތުމަށް ޝައުޤުވެރިކަން އުފެދުނު އެންމެބޮޑު މަޤުޞަދަކީ އަތޮޅުތަކުގެ ހާލަތު ބަދަލު ކުރެއްވުންކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތުން

ސިޔާސީ ޙަޔާތުގައި އެމަނިކުފާނު ފާހަގަވެފައިވަނީ އެއްގޮތެއްގައި ދެމިހުންނަވާ ސާބިތުކަމާއެކު މަސައްކަތްކުރައްވާ މީހުން ޤަދަރުކުރާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ކާމިޔާބު ސިޔާސީ ލީޑަރެއްގެ ގޮތުގައެވެ. ވަކިން ޚާއްސަކޮށް ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަކަށް ކުރި ދަތުރުގައި އެމަނިކުފާނު މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

އިބްރާހީމް މުޙައްމަދު ޞާލިހުގެ ސިޔާސީ ހަޔާތްޕުޅު ފެށިގެންއައީ ޤާނޫނު ހަދާ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް 1994 ވަނަ އަހަރު އެމަނިކުފާނު އިންތިޙާބު ވެވަޑައިގެންނެވި ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު އެންމެ ފުރަތަމަ ތަމްޞީލުކުރެއްވީ ފާދިއްޕޮޅު ދާއިރާ ނުވަތަ ޅ. އަތޮޅު ދާއިރާއެވެ. އެގޮތުން ފާދިއްޕޮޅު ދާއިރާގެ މެމްބަރުކަން 1994 އިން 2009 އަށް ވިދިވިގެން 5 އަހަރުގެ 3 ދައުރު ފުރިހަމަ ކުރެއްވިއެވެ.

އެއަށްފަހު އައު ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ގެނެވުނު ބަދަލުތަކާއެކު، 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމާއި ހަމައަށް ފުރުއްވަމުން ގެންދެވީ އުފަން ރަށްކަމަށްވާ ހިންނަވަރު ދާއިރާ މެންބަރުކަމެވެ.

އުމުރުންފުޅުން 30 އަހަރުގައި ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންނެވި އިބްރާހީމް މުޙައްމަދު ޞާލިޙަކީ ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމް.ޑީ.ޕީ ވުޖޫދަށް ގެނެއުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި އެޕާޓީގެ އެއް ފައުންޑިން މެމްބަރުވެސްމެއެވެ. ހަމައެހެންމެ ދިވެހިރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރެޓިކް ސިސްޓަމެއް ގެނެއުމަށް 2003 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް "ނެޝެނަލް ރީފޯމް މޫވްމަންޓް"ގެ ނަމުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ އިސްސަފުގައިވެސް އެމަނިކުފާނު ހަރަކާތްތެރިވެވަޑައިގަތެވެ.

ސިޔާސީ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ ވުޖޫދަށް ގެނެއުމަށްޓަކާ އުފެއްދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުރު ވަނީ ފެނިގެންގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމުގެ ކުރިން ސިޔާސީ ދާއިރާއިން އެމަނިކުފާނު ފުރުއްވާފައިވާ ބައެއް މަޤާމްތަކުގެ ތެރޭގައި އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރުކަމުގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމާއި މައިނޯރިޓީ ލީޑަރުކަމާއި، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި ދެކޮޅަށް ވާދަކުރެއްވި އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުގެ މަޤާމް ހިމެނެއެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި މިވަގުތު ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެ ދުވަސްވީ އަދި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޢިލްމާއި ތަޖުރިބާގެ އަލީގައި ރާއްޖޭގެ ހިންގުމުގެ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އިންސާނީ ހައްޤުތައްފަދަ ޑިމޮކްރަސީގެ އެންމެ އަސާސީ ހައްޤުތަކަށް ވަކާލާތުކޮށް، އެކަންކަން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އިބްރާހީމް މުޙައްމަދު ޞާލިހުވަނީ އަޑުއުފުއްލަވައި ގިނަގުނަ މަސައްކަތްޕުޅުތައް ކުރައްވާފައެވެ.

ސިޔާސީ ދާއިރާގައި ލިބިވަޑައިގެންނެވި ތަޖުރިބާއާއެކު ރައްޔިތުންގެ ލޯތްބާއި ތާޢީދު ހޯއްދަވާ، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޙާބުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޓޭޓުގެ ގޮތުގައި އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރައްވައި އެމަނިކުފާނު ހޯއްދެވީ ވަރަށްފުރިހަމަ ކާމިޔާބެކެވެ. އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރައްވާފައިވަނީ 17 ނޮވެންބަރު 2018 ގައެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަނަކާއެކުގައެވެ. އަދި 5 އަހަރުގެ މުއްދަތަކަށް ވެރިކަން ކުރެއްވިއިރު އެމަނިކުފާނަކީ ކޯލިޝަނެއް ހިފެހެއްޓެވި ފުރަތަމަ ރައީސްއެވެ. ރައީސް ޞާލިޙުގެ ވެރިކަމުގެ މި ދައުރަކީ ޑިމޮކްރަސީގެ ހަމަތަކާއެކު ނޫސްވެރިންނަށް މިނިވަންކަންދީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ފޯރުކޮށްދެއްވާފައިވާ 5 އަހަރުގެ ވެރިކަމެކެވެ. އަދި މި 5 އަހަރު ވެގެންދިޔައީ ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން ކުޑަ 5 އަހަރުގެ ގޮތުގައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ 5 އަހަރުގެ ތެރެއިން 2 އަހަރު ހޭދަކުރަންޖެހުނީ ކޯވިޑްގެ ބަލިމަޑުކަމުގައެވެ. އެހެންނަމަވެސް ރައްޔިތުންނަށް ތަކުލީފެއް ނުދީ ސަރުކާރުން ގެންދެވީ ދެވެން ހުރި ލުއިތައްދެއްވާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

ކޯވިޑްގެ ބަލިމަޑުކަމާއެކު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖައްސަވާ، ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ރައީސް ޞާލިޙު ވަނީ ހިންގަވާފައެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

ޚާއްސަގޮތެއްގައި އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނެވި ހެޔޮ ބަދަލާއި، މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ހިންގަވާ މަޝްރޫޢަކީ މި ސަރުކާރުގެ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ.

ފުރަތަމަ ދައުރަކަށް ފަހު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށް އެމަނިކުފާނު ގެންދެވީ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. ޚާއްސަގޮތެއްގައި ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ކެމްޕޭން ގިނަ ހަރަކާތްތަކެއް ވަނީ ހިންގަވާފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމަނިކުފާނު ދަތުރުކުރެއްވީވެސް ދެވަނައިގައި އޮވެގެންނެވެ.

ފުރަތަމަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ %39.05 ވޯޓެވެ. ދެވަނަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގަތީ %45.96ވޯޓެވެ. ފުރަތަމަ ބުރާއި ދެވަނަ ބުރުގައިވެސް އެމަނިކުފާނުގެ މައްޗަށް އިދިކޮޅު ޕީ.އެން.ސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފުރިހަމަ ކާމިޔާބީއެއް ހޯއްދަވާފައެވެ. މިއީ ރައީސް ޞާލިޙެ 29 އަހަރުގެ ސިޔާސީ ހަޔާތްޕުޅުން ކުރިމަތިލެއްވި ފުރަތަމަ ނާކާމިޔާބީއެވެ.

މިއާއެކު ސިޔާސީ ދާއިރާއިން ކާމިޔާބު ޓްރެކް ރެކޯޑެއް އޮތް ރައީސް ޞާލިޙު ސިޔާސީ މަސައްކަތްޕުޅުން ރިޓަޔާ ކުރައްވާނެތޯ ނުވަތަ އެމަނިކުފާނު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ކުރިއަށްއޮތްތާނގައި ފެނިވަޑައިގަންނަވާނެތޯ މިއީ ބައެއް އާއްމުން މިހާރު އުފައްދާ ސުވާލެކެވެ.