ޚަބަރު

އިންތިޚާބު ކާމިޔާބުކުރެއްވި މުޢިއްޒުއަށް ގިނަ ބައެއްގެ ތަޢުރީފާއި މަރުޙަބާ


  • ޑޮކްޓަރ މުޢިއްޒު ކުރިހޯއްދެވީ މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުއާއި ވާދަކުރައްވާ

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސިޔާސީ ގިނަ ބޭފުޅުން އަންނަނީ މަރުޚަބާ ވިދާޅުވަމުން

  • މުޢިއްޒު ކުރި ހޯއްދެވީ 20000 ވޯޓުގެ ތަފާތަކުން

ރިޔާސީ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއަށް ޑރ. މުޙައްމަަދު މުޢިއްޒުއަށް ގިނަ ބަޔަކު މަރުޚަބާ ވިދާޅުވާން ފަށްޓަވައިފިއެވެ.

ދެވަނަ ބުރަކަށް ގޮސްގެން "ރިޔާސީ އިންތިޚާބު 2023" ބޮޑު ތަފާތަކުން ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބުކުރައްވާފައެވެ. އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުއާއި ވާދަކުރައްވާ، އެމަނިކުފާނު އިންތިޚާބު ކާމިޔާބުކުރެއްވީ ގާތްގަނޑަކަށް 20000 ވޯޓުގެ ތަފާތަކުންނެވެ.

މި ހޯއްދެވި ކާމިޔާބީއަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ އިސް ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކާއި، ކުންފުނިތަކާއި ގިނަ ރައްޔިތުންތަކެއް އަންނަނީ މަރުޙަބާ ވިދާޅުވަމުންނެވެ.


އެގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އެމަނިކުފާނު ހޯއްދެވި ކާމިޔާބިއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ކެބިނެޓް މެންބަރުންނާއި، އިސް ބޭފުޅުން އަދި ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތްތަކުގައި މަސައްކަތް ކުރަމުންދާ ބޭފުޅުން އަންނަނީ މަރުޙަބާ ދަންނަވަމުންނެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވަން ފަށްޓަވާފައެވެ. އެގޮތުން ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ 126،586 ވޯޓާއެކުއެވެ. އެއީ އިންތިޚާބުގައި ވޯޓު ލީ މީހުންގެ %54.05 އެވެ.