ޚަބަރު

ގޭންގު ކުށްތައް އިތުރުވެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި


  • ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން

  • މިފަދަ މައްސަލަތައް ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން

  • ފުލުހުން އަންނަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުން

ޖިނާއީ ކުށްތަކަށް އަރާގަންނަ ގުރޫޕުތަކުގެ ހަރަކާތްތައް މާލެތެރޭގައި މިއަދު އިތުރުވަމުންދާތީ، ސަލާމާތީ ކަންކަން ފުލުހުން އިތުރަށް ވަރުގަދަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޖިނާއީ ކުށްތަކަށް އަރާގަންނަ ގުރޫޕުތަކުގެ ހަރަކާތްތައް މާލެތެރޭގައި މިއަދު އިތުރުވަމުންދާކަމަށް ފާހަގަކުރެވިފައިވާތީ، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. އަދި އިންތިޚާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޖިނާއީ ކުށްތަކަށް އަރާ ގަންނަ ގުރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި، އިންތިޚާބާއި ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ފަދަ، މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރައްވަމުން ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވާދަވެރިކަން ގަދަވެ، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ދެ މެންބަރަކަށް ވަނީ ހަމަލާވެސް ދީފައެވެ. އެ މައްސަލަތައް ފުލުހުން އަންނަނީ ތަހްގީގްކުރަމުންނެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުން އަންނަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ.