ޚަބަރު

ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވޯޓުލާ މަރުކަޒުތަކުގައި 1200އަށްވުރެ ގިނަ ފުލުހުން


  • 2 ޝިފްޓްއަކަށް ބަހާލައިގެން މަސައްކަތް ކުރާގޮތްވަނީ ހަމަޖައްސާފައި

  • 1262 ފުލުހުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ

  • ވޯޓުގެ ކަންކަން ނިމެންދެން ސަލާމަތީކަންކަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކުރާނެ

މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ވޯޓުލާ މަރުކަޒުތަކުގައި 1200 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިފަދައިން ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ހާމަކުރައްވަން ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރާއި ވޯޓުގެ ނަތީޖާ އިޢުލާންކުރެވެންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން އަންނަނީ "އޮޕަރޭޝަބް ބުލޫވޭވް"ގެ ނަމުގައި އޮޕަރޭޝަނެއް ހިންގަވަމުންނެވެ. އަދި މިހާރު ވަނީ ފުލުހުންގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން 2 ޝިފްޓްއަކަށް ބަހާލާ އެލަރޓް ލެވެލް މަތިކޮށްފައެވެ.

އިންތިޚާބާ ބެހޭ މަރުކަޒު، ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ، ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތުތަކުގައި ވޯޓުލާ މަރުކަޒުތަކުގެ އިތުރަށް ސަލާމަތީ އެހެންކަންތައްތައް ބެލެހެއްޓުމަށް ފުލުހުން ތައްޔާރަށް ތިބިކަމަށެވެ. އެގޮތުން މިހާރު ވޯޓުލުން ކުރިއަށްދާ ހުރިހާ ސަރަަހައްދަކަށް ފުލުހުން ފޮނުވާފައިވާކަމަށާއި، އެއްވެސް ކަހަލަ ހާދިސާއެއް ދިމާވެއްޖެނަމަ އެކަންކަމަށް އިޖާބަދިނުމަށްޓަކައި ފުލުހުންގެ ޚާއްސަ ޓީމްތައް ހަރަކާތްތެރިވަމުން ދާނެކަމަށެވެ.

ޝާކިރު ވިދާޅުވީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ވޯޓުލާ މަރުކަޒުތަކުގައި ޖުމުލަ 1262 ފުލުހަކު ހަރަކާތްތެރިވަމުން ދާނެކަމަށެވެ.

"ހުރިހާ ހިސާބެއްގައިވެސް ފުލުހުން ތިބޭނެ. ފުލުހުން ހަމައެކަނި ހަރަކާތްތެރިވަމުން ދާނީ ވޯޓުލާ ވަގުތުގައި އެކަންޏެއްނޫން. ވޯޓުގެ ނަތީޖާ އިޢުލާންކުރެވެންދެންވެސް ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ." އިންތިޚާބުގެ ކޮމާންޑަރ ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވިއެވެ.

އިންތިޚާބުގެ ނަތީޖާއަށްފަހު އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިޔުމުގައިވެސް އޮންނަ އުޞޫލުގެ ދަށުން ހަރަކާތްތައް ކުރިއަށްގެންދިއުމަށާއި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދާއިރުވެސް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އީސީން ބަހައްޓާފައިވަނީ 574 ވޯޓު ފޮށްޓެވެ. ނަމަވެސް އިތުރު 12 ފޮއްޓާއެކު، ދެވަނަ ބުރުގެ އިންތިޚާބުގައި ޖުމްލަ 586 ވޯޓު ފޮށި ބަހައްޓައެވެ.