ވިޔަފާރި

އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެގޮތުގައި 172.7 މިލިއަން ރުފިޔާ


ފާއިތުވި ފެބްރުއަރީ މަހު ކަސްޓަމްސްއަށް އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި 172.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބިފައިވަނީ 162 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ މިވަނީ މިދިޔައަހަރުގެ ފެބްރުއަރީ މަހާއި އަޅާބަލާއިރު 11 އިންސައްތަ އިތުރުވެފައިކަން ފާހަގަކޮށްލެވެއެވެ. މިއާއެކު ފެބްރުއަރީމަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 23 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސް ހިސާބުން ދައްކައެވެ. އެމަހު މުދާ ބޭރުކުރި މިންވަރު ވަނީ 67 އިންސައްތަ އިތުރުވެފައެވެ.

ރާއްޖެއަށް 2015 ވަނައަހަރުގެ ފެބްރުއަރީމަހު 2.38 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިއަހަރުގެ ފެބްރުއަރީމަހު މުދާ އެތެރެކުރި މިންވަރުވަނީ 2.93 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މީގެއިތުރުން މިދިޔަ ފެބްރުއަރީމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު 338.5 މިލިއަން ރުފިޔާއަށް އަރައެވެ. އެހެންނަމަވެސް 2015 ވަނަ އަހަރުގެ ފެބްރުއަރީމަހު މިޢަދަދު ހުރީ 202.3 މިލިއަން ރުފިޔާގައެވެ.

ފެބްރުއަރީމަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރުމަށް ކަމަށް ތަފާސްހިސާބުން ދައްކައެވެ. މިގޮތުން ކާބޯތަކެއްޗަށް 491.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ދެވަނައަށް 481.5 މިލިއަން ހޭދަކޮށްގެން އެތެރެކޮށްފައިވަނީ މެޝިނަރީގެ ބާވައްތަކެވެ. ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑު ބައެއް ޙިއްސާކުރާ ތެލުގެ ބާވަތްތަކަށް ފާއިތުވި ފެބްރުއަރީމަހު 136.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.