ޚަބަރު

ކުރު މުއްދަތަކުން ހޯއްދެވި ބޮޑު ކާމިޔާބީ، ރާއްޖޭގެ 8ވަނަ ރައީސް


  • ޑރ.މުޢިއްޒު އަކީ ޢުމްރާނީ ތަރައްޤީގެ ދާއިރާގެ ތަޖުރިބާކާރެއް

  • ޑރ.މުޢިއްޒުވަނީ 2 ސަރުކާރެއްގައި ޖުމްލަ 7 އަހަރު ވަޒީރުކަން ކުރައްވާފައި

  • ރާއްޖޭގައި މިހާތަނަށް ހިންގެވި އެންމެ ބިޔަ މަޝްރޫޢުތައް ހިންގެވީ އެމަނިކުފާނުގެ ބެއްލެވުމުގެދަށުން

ޑރ. މުޙައްމަދު މުޢިއްޒުއަކީ ފަޞީލަތުއްޝައިޙް ޙުސައިން ޢަބްދުއް ރަޙްމާންއާއި ހުސްނާ ޢާދަމް ކައިވެނިބައްލަވައި ލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅާއެވެ. ބައްޕާފުޅަކީ ބޮޑުތިލަދުންމަތި ވަށަފަރަށް އުފަން ބޭފުޅެކެވެ. އަދި މަންމާފުޅަކީ މާލެއަށް އުފަން ބޭފުޅެކެވެ.

ތަޢުލީމު ޙާސިލުކުރެއްވުމާއި ކައިވެނި ބައްލަވާގަތުން

ޑރ. މުޙައްމަދު މުޢިއްޒު އުފަންވެވަޑައިގަތީ 1978 ވަނަ އަހަރުގެ ޖޫންމަހުގެ 15 ވަަނަ ދުވަހުއެވެ. އެމަނިކުފާނު ބޮޑުފުޅުވީ މާލޭގައެވެ. މަތީ ސާނަވީއާއި ހަމައަށް ތަޢުލީމު ޙާސިލްކުރެއްވީވެސް މާލޭގައެވެ.

އެއަށްފަހު 2000ގެ އެންމެ ކުރީކޮޅު މަތީ ތަޢުލީމު ޙާސިލްކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވިއެވެ. ޑރ.މުޢިއްޒު މަތީ ތަޢުލީމު ޙާސިލުކުރެއްވީ ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި ދާއިރާތަކުންނެވެ. އެމަނިކުފާނު ފުރަތަމަ ތަޢުލީމު ޙަސިލްކުރެއްވީ ޔުނިވަރސިޓީ އޮފް ލަންޑަންއިންނެވެ. ޔުނިވަރސިޓީ އޮފް ލަންޑަންއިން، ސްޓްރަކްޗަރަލް އިންޖިނިއަރިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާސިލްކުރައްވާ އަދި ސިވިލް އިންޖިނިއަރުންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލްކުރެއްވިއެވެ. އަދި ދުވަސްކޮޅެއްގައި ރާއްޖޭގައި ޕްލޭނިންގ މިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށް ފަހު، އަލުން އިނގިރޭސިވިލާތަށް އެނބުރިވަޑައިގެން، ޔުނިވަރސިޓީ އޮފް ލީޑްސްގައި ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ޕީ.އެޗް.ޑީ ޙާސިލްކުރައްވާ ޑޮކްޓަރުކަމުގެ ލަޤަބު ލިބިވަޑައިގަތެވެ.

ޑރ.މުޢިއްޒު ކައިވެނިބައްލަވައިގަތީ 2003ވަނަ އަހަރުއެވެ. އެމަނިކުފާނުގެ އަނބިކަނބަލުންނަކީ، ސާޖިދާ މުޙައްމަދުއެވެ. ދެބޭފުޅުންނަށް ދަރިކަނބަލަކާ ދެ ފިރިހެން ދަރިކަލުންވަނީ ލިބިވަޑައިގެންފައެވެ.

ސިޔާސީ މަސައްކަތް ފެއްޓެވުން

ޑރ. މުޢިއްޒުގެ ސިޔާސީ ޙަޔާތްޕުޅު ފެއްޓެވީ 2012 ވަނަ އަހަރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ ގޮތުގައެވެ. ވަޒީރުކަމަށް ވަޑައިގަތީ، އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.

އޭރު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅާއި ހޯއްދެވި އިތުބާރާއއެކު، ޖެހިގެން އައި ވެރިކަމުގައިވެސް އެމަނިކުފާނު ކެބިނެޓްގައި ހިމެނިވަޑައިގެންނެވެ.

ކުރީގެ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ 5 އަހަރު، 2013 އިން ފެށިގެން 2018 އަށް ވެރިކަން ނިމެންދެންވެސް އެމަނިކުފާނު ހުންނެވީ ހައުސިންގ މިނިސްޓަރުގެ މަޤާމުގައެވެ. ޑރ. މުއިއްޒުއަކީ ހައުސިންގ މިނިސްޓަރުގެ މަޤާމު މިހާތަނަށް އެންމެ ދިގު މުއްދަކަށް ފުރުއްވި ބޭފުޅާވެސްމެއެވެ.

ރާއްޖޭގައި ޢުމްރާނީގޮތުން މިހާތަނަށް ހިންގެވި އެންމެ ބޮޑެތި މަޝްރޫޢުތައް ހިންގަވާފައިވަނީ ޑރ. މުޢިއްޒުގެ ވަޒީރުކަމުގެ ދަށުންނެވެ. އެގޮތުން މުޅިން އަލަށް ރާއްޖޭގައި ހިންގެވި ބްރިޖް މަޝްރޫޢުއަކީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގެވި އިންޤިލާބީ އެންމެ ބޮޑު މަޝްރޫޢެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭއާއި ޓަރމިނަލް ހިމެނޭހެން ފެއްޓެވި 1 ބިލިއަން ޑޮލަރުގެ މަޝްރޫޢުއާއި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކަވާ ތަރައްޤީކުރަން ފެއްޓެވި މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްޕުޅުތަކެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް މިސްކިތްކަމުގައިވާ "ކިންގް ސަލްމާން މިސްކިތް" ބިނާކުރެއްވީ ޑރ. މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. ވީރާނާވެފައިވާ ސަލްޓަންޕާކް މުޅިން އާ ފަރުމާއަކަށް ބަދަލުކުރައްވައި ފެހިކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވެވިއެވެ. ކުރީގެ ރައީސް ޔާމީންގެ އިރުޝާދާއެކު މާލޭގައި އަލަށް އިންޑަސްޓްރިއަލް ވިލެޖެއް ހައްދަވައި ހަތަރު ހެކްޓަރގެ ބިމެއް އިތުރުކުރައްވައި، ރަށްރަށުގެ ގޮނޑުދޮށްފަދަ ރަސްފަންނެއް މާލޭގައި ހެއްދެވިއެވެ. މީގެ އިތުރުން އަތޮޅުތަކުގައި އެއަރޕޯޓްތައް ތަރައްޤީކުރުމާއި، ރަށްރަށުގެ ބަނދަރާއި ކުޅިވަރު ދަނޑުތަކުގެ އިތުރުން އުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢުއެއް ހިންގެވިއެވެ.

ޑރ. މުޢިއްޒު ވަނީ އޭޝިޔާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ބޭންކް (އޭ.އައި.ޑީ.ބީ)އަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ގަވަރނަރގެ ހައިސިއްޔަތުންވެސް މަސައްކަތްޕުޅުކުރައްވާފައެވެ.

އެމްޑީޕީގެ ފިކުރުގައި އޮތް މާލެ ބަދަލުކޮށް މޭޔަރުކަމަށް

ޑރ.މުޢިއްޒު މިހާރު އަދާކުރައްވަމުންދަނީ މާލެ ސިޓީގެ މޭޔަރުގެ މަޤާމުގައެވެ. 2021 ވަނަ އަހަރު ބޭއްވި ދާއިރާތަކުގެ އިންތިޚާބުގައި ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ގޮނޑި ކާމިޔާބުކުރެއްވީ މާލޭ ރައްޔިތުންގެ ބޮޑު އަޤުލަބިއްޔަތަކާކުއެވެ. މިއީ އެމްޑީޕީ ފިޔަވައި އިތުރު ޕާޓީއަކުން މާލޭގެ މޭޔަރުކަން ނެގި ފުރަތަމަ ފަހަރުވެސް މެއެވެ.

ޑރ. މުޢިއްޒުއަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިވަޑައިގަތީ، ޕީޕީއެމް ޕީއެންސީއިން ކޯލިޝަނުން އިންތިޚާބަށް ނެރުއްވަން މަސައްކަތްކުރެއްވި ކެންޑިޑޭޓް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއަށް ޝަރުޢީ މައްސަލަތަކަކާއި ގުޅިގެން އެ ފުރުޞަތު ލިބިވަޑައިނުގަތުމުން، ނަން ހުށައެޅި އިތުރު ދެ ކެންޑިޑޭޓުންގެ ތެރެއިން، ޕީޕީއެމް/ޕީއެންސީ ސެނެޓުގެ މެޖޯރިޓީ ވޯޓު ލިބިވަޑައިގެންނެވެ.

ޑރ. މުޢިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައއެޅުއްވީ ގދ.ފަރެސްމާތޮޑާ، ނޫވިލާގެ ޙުސައިން މުޙައްމަދު ލަތީފްއެވެ. ހުސެއިން މުޙައްމަދު ލަތީފަކީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެވެ.

ވަޢުދުފުޅު މުހިންމު މައްސަލަތައް ޙައްލުކުރެއްވުމަށް

ޑރ. މުޢިއްޒުގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދެއްވާނެ މަސައްކަތްޕުޅެއްގެ ގޮތުގައި މެނިފެސްޓޯގައި ހިމަނުއްވާފައިވަނީ ރާއްޖޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑެތި އެހެން ހުރިހާ މައްސަލަތަކަށް މަގުފަހިކުރުވާ އެންމެ ބޮޑު ސަބަބެވެ. އެގޮތުން ޤާނޫނުން ލިބިދޭ ބޯހިޔާވަހިކަމުގެ ޙައްޤުގެ ދަށުން، އެމަނިކުފާނުގެ ވެރިކަމެއްގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އެއްވެސް ރައްޔިތެއް ނެތްކަން ކަށަވަރުކުރައްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ވަނީ، ކުރިއަށް އޮތް 20 އަހަރަށް ޢަމާޒުކޮށް 65000 ގެދޮރު ޔަޤީންކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މާލެ ސަރަޙައްދަށް އޮތް އެންމެ ބޮޑު މަޝްރޫޢުއަކީ ފުށިދިއްގަރު ފަޅުން 1280 ހެކްޓަރު ހިއްކާ، އެތަނުން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރެއްވުމެވެ.

މީގެ އިތުރުން ރާއްޖެ 7 ސަރަޙައްދަކަށް ބަހާލާ، އަރބަން ސެންޓަރުތައް ތަރައްޤީކުރެވުން ހިމެނެއެވެ. އަދި 2013 ވަނަ އަހަރު އައި ސަރުކާރުގައި މަސައްކަތް ފެއްޓެވި، "އައިހެވަން" މަޝްރޫޢުވެސް ޙަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ސިނާޢީ ހަބުތައް އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރެއްވުންވެސް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނެއެވެ.

ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ހުރިހާ ދާއިރާއަކުންވެސް މަސައްކަތްތައް ހިމަނާފައިވެއެވެ.