ޚަބަރު

ހުރިހާ ރައްޔިތުންނާ މެދުވެސް ޢަދުލުވެރިވާނަން: ޑރ. މުޢިއްޒު


  • ސަރުކާރު އޮންނާނީ ރެއާއި ދުވާލު ރައްޔިތުންގެ ހިދުމަތުގައިކަމަށް ވިދާޅުވި

  • ހުރިހައި ރައްޔިތުންނާއި މެދުވެސް އަދުލުވެރިވާނެކަމަށް

  • ކެމްޕެއިން ނިންމުމުގެ ހަރަކާތުގައި ރަނިންމޭޓުވެސް ބައިވެރިވެވަޑައިގެންނެވި

ކޮންމެ ރައްޔިތަކާއި މެދުވެސް އަމަލުކުރާނީ އަދުލުވެރިކަމާއި އެކުގައިކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، ކެންޕެއިން ހަރަކާތް ނިންމާލުމަށް އާޓިފިޝިއަލް ބީޗްގައި ސަޕޯޓަރުންނާއި ވާހަކަދައްކަވަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފިނަމަ ކޮންމެ ރައްޔިތަކާ ދޭތެރޭގައިވެސް ސަރުކާރުން އަމަލުކުރަމުންދަނީ އަދުލުވެރިކަމާއި އެކުގައޭ ދަންނަވަން ކެރޭ ސަރުކާރެއް ޤާއިމްކޮށްދޭނެކަމަށެވެ.

ސަރުކާރުން އަމަލުކުރަމުންދާނީ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާލިބޭނެފަދަ ގޮތަކަށްކަމަށް މުއިއްޒު ވިދާޅުވިއެެވެ. އަދި ރަށަރަށުގައި ކުރިއަށްދާ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށާއި، ސަރުކާރު މަސައްކަތް ކުރަމުންދާނީ ރެއާއި ދުވާލު އަވަދިނެތި ރައްޔިތުންގެ ޚިދުމަތުގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދޭނެ ޔަޤީންކަމަކީ ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވައި އަޅުގަނޑަށް ޒިންމާ އަދާކުރައްވައިފިނަމަ ދިވެހީންގެ ރާއްޖެ ޤައުމު މިނިވަންކަންމަތީގައި ތާއަބަދު ދެމިއޮންނަ ގޮތައް ޔަޤީންކޮށްދޭނެކަން. އަޅުގަނޑުމެންގެ ދައުރަކީ ޔަޤީންކަމާއިއެކީ މިނިވަން ގައުމަކަށްވެ އަޅުގަނޑުމެންގެ އިޤްތިސާދަކީ ހަރުދަނާ ކުރެވިފައިވާ ބިނާކުރަނިވި ދެމެހެއްޓެނިވި އިޤްތިސާދެއްގެ ގޮތުގައި ހަދައިދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ އިސް ޒިންމާއަކަށް ވާނީ ހާރިޖީ ސިޔާސަތު ދަމަހައްޓައި، ދިވެހިންގެ މިނިވަންކަން ޔަޤީންވާގޮތައް ބައްޓަންކުރުންކަމަށެވެ. އަދި ކޮންމެ ރައްޔިތަކީ ގެދޮރުވެރިކަން ޔަޤީންކޮށްދެވިފައިވާ ފުދުންތެރި ރައްޔިތަކަށް ހަދައިދޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމް ޕީއެންސީގެ ރިޔާސީ އިންތިހާބުގެ ކެންޕެއިން ނިންމާލުމަށް ބޭއްވި ހިނގާލުމުގައި މުއިއްޒުއާއި އޭނާގެ ރަނިންމޭޓްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.