ޚަބަރު

ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސް ބިރުވެރިކަން ނައްތާލެވިއްޖެ: ރައީސް


  • 5 އަހަރުގެ ތެރޭގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެން ދެވިއްޖެކަމަށް ވިދާޅުވި

  • 5 އަހަރުތެރޭ ބިރުވެރިކަން ނައްތާލެވިއްޖެކަމަށް ވިދާޅުވި

  • ނާމާންކަމާއި ބިރުވެރިކަމަށް ނުދިއުމަށް ވޯޓު ދިނުމަށް އެދިވަޑައިގެންނެވި

ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ރާއްޖެއަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސް ބިރުވެރިކަމާއި ނާމާންކަން ނައްތާލެވިފައިވާކަމަށް އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ހަރަކާތްތައް ނިންމެވުމުގެ ކުރިން ދެއްވި ވީޑިއޯ މެސެޖްގައެވެ.

މި ވީޑިއޯ މެސެޖްގައި ރައީސް ޞާލިހް ވިދާޅުވީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގާވާފައިވާކަމަށެވެ. އަދި ރާއްޖޭގެ މުސްތަޤުބަލާމެދު ގޮތެއް ނިންމަން މިއަދު ޖެހިފައިވާ ކަމަށާއި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަކި ދާއިރާއެއް ބާކީ ކުރުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި ޓީޗަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އެހެން ސެކްޓަރުތަކުގައި މަސައްކަތް ކުރާ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ. ރާއްޖެއަށް ހަމަޖެހުން ގެނެސްދެވިއްޖެ. އެކަން ކުރެވުނީ ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަމާއެކު."އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ރައްޔިތުން ނިންމި ނިންމުމާއި އެއްގޮތަށް ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށާއި ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަން މުޅިން ނައްތާލެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ މުހިންމުކަމަކީ ރާއްޖޭގައި ހަމަޖެހުން ޤާއިމުކުރުން ކަމަށާއި، މިއަދު ރައްޔިތުން ނިންމަން ޖެހިފައި އޮތީ ރާއްޖެ ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށްދާނީ ތޯ ނުވަތަ ނޫންތޯކަމަށެވެ. ރައީސް ވަނީ ރާއްޖެއަށް ގެނައި އިސްލާހީ ހެޔޮ ބަދަލާއި ހަމަޖެހުމާއެކު ކުރިއަށް ދިޔުމަށް ރައްޔިތުން އެމަނިކުފާނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފައެވެ.