ޚަބަރު

ކެންސަރަށް ފަރުވާދޭ ޒަމާނީ ވަސީލަތްތަކާއެކު ދަރުމަވަންތަ ހޮސްޕިޓަލު ތަރައްޤީކުރާނަން: މުއިއްޒު


  • ދަރުމަވަންތަ ހޮސްޕިޓަލު ތަރައްޤީކުރާނީ ޒަމާނީ ވަސީލަތްތަކާއެކު

  • ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލް ހަދާނަން

  • ކެންސަރާއި އެނޫންވެސް ބޮޑެތި ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސާދޭނަން

ދުނިޔޭގެ ފެންވަރުގައި ކެންސަރުބައްޔަށް ފަރުވާދިނުމަށް ބޭނުންކުރާ ވަސީލަތްތައް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ މުއިއްޒު މިހެން ވިދާޅުވީ "ރައްޔިތުން ގާތަށް" މިނަމުގައި ސަލްޓަން ޕާކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ.މުއިއްޒު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވޭނެ ތަނަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ހައްދަވައިދެއްވާނެކަމަށެވެ. އެގޮތުން މިހާރު ރާއްޖެއިން ލިބެންނެތް ޚިދުމަތްތައް ތަޢާރަފްކުރެއްވުމުގެ އިތުރުން މިހާރު ފޯރުކޮށްދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް އެންމެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްތަކުން ކްލިނިކްތައް ގެނެސް ދަރުމަވަންތައިގައި ކެންސަރަށް ފަރުވާދެވެނޭ ނިޒާމް ޤާއިމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަރައްޤީކޮށް ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގޮތުގައި ފުޅާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދަރުމަވަންތަ ހޮސްޕިޓަލް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ލިބޭނެތަނަކަށް ހަދާދޭނަން، އަދި މިޒަމާނުގެ އެންމެ ފަހުގެ ވަސީލަތްތަކާއެކު ކެންސަރުބައްޔަށް ފަރުވާގެ ޚިދުމަތް ދެވޭ ނިޒާމްތައް މިހޮސްޕިޓަލުގައި ޤާއިމްކުރާނަން" ޑރ މުއިއްޒު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑރ މުއިއްޒު ވަނީ މާލޭގެ އިތުރުން އަތޮޅު ތަކުގައިހުރި ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުން ފޯރުކޮށްދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ކުރައްވާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވަފައެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީ ހޮސްޕިޓަލް އަދި ދެކުނުން އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލްގައި މުހިންމު ބަލިތަކަށް އެންމެ މަތީ ފެންވަރުގައި ޚިދުމަތްދެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.