ތިމާވެށި

ހަކަތައިގެ ދާއިރާގެ ތަރައްޤީގެ ސިޔާސަތު މުރާޖަޢާކުރަނީ


ރާއްޖޭގެ ހަކަތައިގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތު މުރާޖަޢާކުރެއްވުމަށް މަސައްކަތް ފަށްޓަވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމްއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި، ތަރައްޤީގެ ގޮތުން އަންނަ ބަދަލުތަކާއެކު ސިޔާސަތުތަކަށް އެކަށީގެންވާ ބަދަލުތައް ގެންނެވުމަކީ  މުހިއްމު ކަމެއް ކަމަށާއި އަދި ހަކަތައިގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯއްދަވަން ސަރުކާރުން މަސައްކަތް ކުރައްވާއިރު، ދާއިރާގެ ރަސްމީ ސިޔާސަތުގެ ތެރޭގައި އެ ލަނޑުދަނޑިތައް ހިމެނުމަކީ ދާއިރާގެ ކުރިމަގަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.

ޤައުމީ ހަކަތައިގެ ސިޔާސަތު ހިމެނެނީ މުހިންމު 5 ކަމެއްގެ މައްޗަށެވެ. އެއީ ހަކަތައިގެ ދާއިރާގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމާއި، އިޖުރާޢީ އޮނިގަނޑު ވަރުގަދަ ކުރުމާއި، ހަކަތަ ހެޔޮގޮތުގައި ބޭނުންކުރަން އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ ކުރިއެރުވުމާއި، ދެމެހެއްޓެނިވި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެއްވުމާއި، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރެއްވުމެވެ.

މިހާރު ރާއްޖެއިން ޢަމަލުކުރަމުންދާ ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް ގޯލްސް ނުވަތަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް އަލުން މުރާޖަޢާކުރައްވަން  އެންވަޔަރަމަންޓް މިނިސްޓްރީން ފެއްޓެވީ، ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހަކަތައާއި ގުޅުންހުރި ވަޢުދުތައް އެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނުއްވުމަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިއަދު ފެއްޓެވި މަސައްކަތު ބައްދަލުވުމުގައި ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކުން ބައިވެރިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.