ފުވައްމުލައް ސިޓީ އާއި ތިނަދޫ ސިޓީގައި ހައުސިންގެ ބިޔަ ބޮޑު މަޝްރޫތަކެއް ކުރިއަށްގެންދަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ދެކުނުގެ ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީ އާއި ތިނަދޫ ސިޓީގެ ވަކިވަކިން ބޭއްވެވި ބައްދަލުވުންތަކުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ތިނަދޫއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު ރަށެއްކަމަށާއި، އެރަށުގެ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީވެސް އެއީކަމަށް ވިދާޅުވެ އެސިޓީގައި 1000 ހައުސިން ޔުނިޓްގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާނަން، އުންމީދަކީ ވެރިކަން ލިބިއްޖެނަމަ އެފަސް އަހަރުދުވަހު އެކަން ހާސިލު ކުރުން، މި މަޝްރޫގެ ދަށުން މި ސިޓީގައިވެސް ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށާއި މިސިޓީއަށް ހިޖުރަކޮށް ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް 1000 ހައުސިން ޔުނިޓްގެ މަޝްރޫޢެއް ހިންގާނަން" ޑރ މުއިއްޒު ވިދާޅުވިއެވެ.
ފުވައްމުލަކުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީގެދޮރުވެރިކަމުގެ މަޝްރޫޢު ފުވައްމުލައް ސިޓީގައިވެސް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން އެސިޓީގައި ތިބި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން 500 ހައުސިން ޔުނިޓްގެ މަޝްރޫޢެއް ހިންގަވައި އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށެވެ.
"ހައުސިން ލޯނުތައް ފަސޭހައިން ލިބޭނެ ގޮތް ހަދާނަން، ސޯޝަލް ހައުސިންގ އަގު ބޮޑުވުމަކީ މިހާރު ދިމާވެފައިވާ މައްސަލައެއް، އެ ކަމަށް ހައްލު ހޯދައި އަގު ކުޑަކޮށްދޭނަން" ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ތިނަދޫ އާއި ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދަވާނެ އިޤްތިސާދީ ކަންކަމުގެ މައްޗަށްވެސް މިބައްދަލުވުންތަކުގައި ޑރ މުއިއްޒު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުންމި ދެ ސިޓީގައި ޓޫރިޒަމްގެ ފުރުޞަތުތައް ފަހިކޮށް ފުޅާކޮށް،އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާ އިންޓަރގްރޭޓެޑް އިކޯޓޫރިޒަމްގެ އެކިކަހަލަ މަޝްރޫއުތައް ހިންގުމަށްބޭނުންވާ އެންމެހައި ކަންކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުންރާއްޖޭގެ އިގްތިޞާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރުވަންޖެހޭކަމަށާއި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާ އާއި ކޮންސްޓްރަކްޝަންގެ ދާއިރާ ކުރިއެރުވުމަށް އިގްތިޞާދީ ސިޔާސަތުގައި ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބަށް ކެމްޕެއިން ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ޑރ މުއިއްޒުވަނީ ދެއްވާފައެވެ.