ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށްގެން 300 ފްލެޓް ދޭން ނިންމައިފި


  • ފަތުރުވެރިކަމުގައި މަސައްކަތްކުރާ މީހުންނަށް 300 ފްލެޓް ދޭން ވަނީ ނިންމާފައި

  • ޚާއްސަކޮށްފައިވަނީ ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ މީހުންނަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ޚާއްސަކޮށްގެން 300 ފްލެޓް ދޭން ސަރުކާރުން ނިންމަވައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މި 300 ފްލެޓް ޚާއްސަކުރާނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ މުވައްޒަފުންނަށްކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޚާޢްސަކޮށްގެން ފްލެޓް ދޫކުރުމަށް ނިންމާފައިވާިއރު ސަރުކާރުން މިހާރު ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުޞޫލަށް އިސްލާހު ގެނެގެސްފައެވެ.

އެގޮތުން މިހާރު ފެލެޓަށް އެދި މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ މީހުންނާއި މީހުންނާއި މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 ވެފައިވާ މީހުންނަށް އެޕްލިކޭޝަން ހުށައެޅޭ ފަދައިން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރަމުންގެންދާތާ 15 އަހަރުވެފައިވާ މީހުންނަށްވެސް ފްލެޓަށް އެދި ހުށައެޅޭނެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދެވަނަ ފިޔަވަހީގައި ދޫކުރާ ގޯއްޗާއި ފްލެޓްއަށް ކުރުމިތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ބުރުގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލޭގައި އުޅޭތާ 20 އަހަރުވެފައިވާ މީހުންނަށާއި މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް މާލެ ސަރަހައްދުން ގޯތިދޭނެއެވެ.

މާލެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދައިދެއްވުމަށް، މި ސަރުކާރުން ފެއްޓެވި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ސްކީމަކީ ފަހުގެ ތާރީޚެއްގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުއެވެ. މީގެތެރޭގައި ހިމެނޭ ބިންވެރިޔާ ސްކީމްގެ ދަށުން ޖޮއިންޓް އުސޫލު ހިމެނޭހެން 19639 މީހަކަށް 9001 ގޯތި ދޫކުރާނެއެވެ.

ގޯތީގެ އިތުރުން، ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ހުށައެޅި 20000 އަށްވުރެ ގިނަ މީހުންގެ ތެރެއިން ޝަރުތު ހަމަވާ 13000 އަށްވުރެ ގިނަ މީހުންނަށް ފްލެޓް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.

މި ސްކީމްތަކުގެ ދަށުން ދޫކުރާ ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތް ބާރަށް ކުރިިއަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.