ޚަބަރު

ކޯރަމް ހަމަނުވެ މިއަދުގެ ޖަލްސާވެސް ނިންމާލައިފި


  • ޖަލްސާ ނިންމާލީ މާދަމާގެ ޖަލްސާ ބޭއްވޭނެ ކަމުގެ އުންމީދުގައި

  • ނިޒާމީ ވޯޓު ކަރުދާހާ ގުޅޭ މަސައްކަތް މިއަދަށް އޮތީ އެޖެންޑާކޮށްފަ

  • ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތްވެސް މިއަދަށް އެޖެންޑާ ކުރި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެ، ޖަލްސާ ކުރިއަށް ނުގެންދެވި ހުއްޓާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާފައިވަނީ ރާއްޖޭގައި މިހާރު އޮތް ވެރކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަށް އާއްމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި ހިމަނާނެ ޢިބާރާތް ކަނޑައެޅުމުގެ މަސައްކަތް މިއަދުގެ ޖަލްސާގައި ކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް މަޖިލީހުގެ ކޯރަމް ހަމަ ނުވުމުން ޖަލްސާ ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މިމަސައްކަތް މާދަމާގެ ޖަލްސާގައި ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެެވެ.

ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން މަޖިލިސް ރައީސް ވިދާޅުވީ މިދުވަސް ވަރަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ އެންމެ ފަހު ދުވަސްވަރަށް ވުމުން މިދުސްތަކުގައި ގިނަ މެމްބަރުން ކެމްޕެއިންގައި އުޅުއްވާނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި އެމަސައްކަތަކީ މަޖިލީހުގެ މަސައްކަތެއްގެ ގޮތުގައި ދެކިވަޑައި ގަންނަވާ ކަމަށާއި، ނަމަވެސް މަޖިލީހަށް ވަޑައިގެން ކުޑަދޮށުގައި ތިއްބެވުމީ ގަބޫލުފުޅު ކުރައްވާ ކަމެއް ނޫންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ކޮމެޓީތައް އެކުލަވާލުމަށްފަހު ކޮމެޓީތަކަށް މެމްބަރުން ކަނޑައަޅާ ގޮތަށްވެސް ވޯޓަށް އެހުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ފޮނުވަން ޖެހޭ މެމްބަރުންގެ ނަންތައް އަދިވެސް ނުލިބޭތީ އެމަސައްކަތް ވަނީ ކުރެވޭ ގޮތް ނުވެފައެވެ.