ޚަބަރު

ހެލިކޮޕްޓަރު ގެނައުމުގައި މި ސަރުކާރާ ގުޅުމެއް ނެތް: ޝާހިދު


  • ޝާހިދު ވިދާޅުވީ ހެލިކޮޕްޓަރު ގެނައީ 2011 އަދި 2016ވަނަ އަހަރު ކަމަށް

  • މިކަމުގައި މި ސަރުކާރުގެ ޙިއްސާއެއް ނެތް ކަމަށް

  • އަދި އުތުރު ތިލަފަޅާއި، އައްޑޫ ޕޮލިސް ކޮލެޖު މަޝްރޫޢުގެ އެއްބަސްވުންވެސް ހެދީ މި ސަރުކާރުން ނޫންކަމަށް

އިންޑިއާގެ އެހީގައި ރާއްޖެ ގެނެސް ބޭނުންކުރަމުންދާ ހެލިކޮޕްޓަރުތައް، ރާއްޖެ ގެނައުމުގައި މި ސަރުކާރާއި ގުޅުމެއް ނެތްކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަމުންދާ ދެ ހެލިކޮޕްޓަރަކީ މި ސަރުކާރުން ގެނައި ދެ އުޅަނދުކަން ސިފަވާގޮތަށް ވާހަކަތައް ދައްކާކަމަށެވެ. ނަމަވެސް މީގެތެރެއިން ފުރަތަމަ ގެނައި ހެލިކޮޕްޓަރަކީ 2011 ވަނަ އަހަރު، އޭރުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ގެނައި އުޅަނދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދެވަނައަށް ހެލިކޮޕްޓަރަކީ 2016ވަ ނަ އަހަރު، އޭރުގެ ސަރުކާރުން ހެދި އެއްބަސްވުމާއެކު ރާއްޖެއަށް ގެނައި ހެލިކޮޕްޓަރެއްކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންއިރުވެސް، މި ދެ އުޅަނދަކީ ރާއްޖޭގައި ބޭނުންކުރަމުންދާ އުޅަނދުތައްކަމަށާއި، މި އުޅަނދުތައް ގެނައުމުގައި މި ސަރުކާރާ އެއްވެސް ގުޅުމެއް ނޯންނާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"ހެލިކޮޕްޓަރު ގެނައުމުގައި އޮތް ސޮއެއް އޮތީ ކުރީ ސަރުކާރުތަކުން. އެ ބޭނުންކުރަމުން ދަނީވެސް ބައިނަލްއަޤްވާމީ އުސޫލާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސް ނޭޅޭގޮތަށް. އިންސާނީ ޚިދުމަތެއް ދޭން ބޭނުންކުރަނީ." ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އައްޑޫގައި އެޅި ފުލުހުންގެ މަރުކަޒަކީވެސް އިންޑިއާގެ މިލިޓަރީ މަރުކަޒެކޭ އިދިކޮޅުން ކިޔަމުންދިޔަކަމަށެވެ. މި ސަރުކާރަށް ނިސްބަތްކޮށް އެކަމާގުޅުވާ ތުޙުމަތުކުރާއިރު، އެ މަސައްކަތަކީވެސް ކުރީގެ ރައީސް ވަޙީދުގެ ސަރުކާރުގައި ހެއްދެވި އެއްބަސްވުމެއްގެ ދަށުން ފެށްޓެވި މަސައްކަތެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން އެފަދަ ވާހަކަތައް ފެތުރިނަމަވެސް، މިއަދު ޙަޤީގަތް ރައްޔިތުންނަށް ސާފުކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން އުތުރު ތިލަފަޅުގެ މަޝްރޫޢުގެ އެއްބަސްވުމަކީވެސް 2016 ވަނަ އަހަރު، އޭރުގެ ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުގައި ހެދި ޑިފެންސް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށްގެންދިޔަ މަސައްކަތެއްކަން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އެތަނުގައި ޑިފެންސް މަރުކަޒަކާއި އެއަރޕޯޓެއް އަޅަންވެސް އޭރުގެ ޕްލޭންގައި އޮތްކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އެ ޕްރޮޖެކްޓް އަލުން ދިރާސާކޮށް، އުނިކުރަންޖެހޭ ބައިތައް އުނިކޮށް، ދިވެހިންނަށް ފުރިހަމައަށް ބާރު ލިބޭގޮތަށް ބަދަލުކޮށްފައިވާކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ވިއްކަން، ޤާނޫނު އަސާސީ ބަދަލުކުރީވެސް ކުރީ ސަރުކާރުގައިކަމަށެވެ. ނަމަވެސް އެހެން އޮތް މާއްދާ ބަދަލުކޮށް، ޤަނޫނު އަލުން އިސްލާހުކުރެއްވީ ރައީސް ޞާލިޙުކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.