ޚަބަރު

361 ޝަކުވާ ލިބުނު، ގިނައީ ރިޖެކްޓް ކުރި ފޯމްތަކާއި ގުޅޭ ޝަކުވާތައް: ޙަބީބް


  • ވޯޓަރސް ލިސްޓަށް ޖުމްލަ 361 ޝަކުވާ ވަނީ ލިބިފައި

  • ގިނައީ ފޯމު ރިޖެކްޓް ކުރުމުން ހުށަހަޅާފައިވާ ޝަކުވާ

  • ކޮމިޝަނުން މިހާރު ގެންދަނީ ހުށަހެޅުނު ޝަކުވާތަކަށް ޖަވާބުދާރީވަމުން

  • އުންމީދު ކުރަނީ ފައިނަލް ވޯޓަރސް ލިސްޓު މިއަދު އިޢުލާނު ކުރެވޭނެކަމަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވި މީހުންގެ ލިސްޓް ޢާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން، މިހާތަނަށް 361 ޝަކުވާ ލިބިފައިވާކަމަށް، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވެއްޖެއެވެ.

ޙަބީބް ވިދާޅުވީ، މިހާތަނަށް އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ރިޖެކްޓު ކުރި ފޯމުތަކާއި ގުޅިގެން ކަމަށެވެ. އަދި އެމީހާއަށް ނޭނގި، އެ މީހާގެ ނަމުގައި ޞައްޙަ ނޫން ފޯމު ހުށަހަޅައިގެން، ލިބިފައިވަނީ ވަރަށް މަދު ޝަކުވާއެއްކަމަށްވެސް، ޙަބީބް ވަނީ ފާހަގަކުރައްވާފައެވެ.


އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލިބިފައިވާ ޝަކުވާތަކަށް މިހާރު އެ ކޮމިޝަނުން ޖަވާބުދާރީ ވަމުންދާކަމަށެވެ. އަދި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މިއަދު އިޢުލާނުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ. މި ލިސްޓަށް އެއްވެސް ބަދަލެއް ނުނގެނެވޭނެކަމަށް، ކޮމިޝަނުގެ ނައިބު ރައީސް ޙަބީބް ވަނީ ވިދާޅުވެފައެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްޙަވީ 38763 ފޯމުކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ސައްޙަކަން ކަށަވަރު ނުވާ 11284 ފޯމެއް އެކޮމިޝަނުން ވަނީ ރިޖެކްޓްކޮށްލާފައެވެ.

ރީ-ރަޖިސްޓްރީގެ ފުރުޞަތު ބަންދު ކުރުމަށްފަހު، ވޯޓަރސް ލިސްޓު ޢާންމުކޮށް، ޝަކުވާއަށް ހުޅުވާލީ މިމަހުގެ 21 އިން 23 އަށެވެ. ޝަކުވާ ހުށަހެޅުމަށް 48 ގަޑިއިރުގެ މުއްދަތެއް، އިލެކްޝަންސް ކޮމިޝަނުން ވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ޖުމްލަ 282،803 ފަރާތަކަށް ވޯޓުދިނުމުގެ ޙައްޤު ލިބެއެވެ. ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަނުން ނިންމަވާފައިވަނީ، މި މަހު 30 ވާ، ހޮނިހިރު ދުވަހުއެވެ.