ޚަބަރު

ނިޒާމީ ވޯޓު ކަރުދާހުގައި އޮންނަންޖެހޭ ޢިބާރާތް، މާދަމާގެ ޖަލްސާއިން ކަނޑައަޅަނީ


  • ނިޒާމީ ވޯޓަށް 40 މިލިއަން ޚަރަދުވާނެކަމަށް އީސީން ވިދާޅުވި

  • ރައީސް ނަޝީދު ވިދާޅުވީ 10 މިލިއަންވެސް ޚަރަދުނުވާނެކަމަށް

  • އީސީން ވިދާޅުވީ ވޯޓު ކަރުދާހުގެ ޢިބާރާތް ސާފުވާކަމަށް

  • ރައީސް ނަޝީދު ވިދާޅުވީ މާދަމާ އެކަން ކުރައްވާނެކަމަށް

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަށް އާއްމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި ހިމަނާނެ ޢިބާރާތް ކަނޑައެޅުމުގެ މަސައްކަތް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައަޅުއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ޢާންމުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ 30ގެ ކުރިން ނެގުމަށް ގޮވާލާ މަޖިލީހުން ފާސްކުރި ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޤަރާރުގައި ޤާނޫނީ ސުވާލުތަކެއް ހުރިކަމަށް ބުނެ އެކަންކަން ސާފުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މަޖިލީހުން ފާސްކޮށް އެކޮމިޝަނަށް ފޮނުވި ޤަރާރުގައި، ރައްޔިތުންގެ ގާތު އަހަންވީ ކޮން ސުވާލެއްކަން ސާފުނުވާކަމަށެވެ. އަދި އެ ވޯޓު ނެގުމަށް ޚަރަދުވާނެ ފައިސާވެސް ހަމަޖެހިފައިނުވާތީ އެކަންވެސް ސާފުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި ދަންނަވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ނިޒާމީ ވޯޓު ނެގުމަށް މަޖިލީހުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ނިޒާމީ ވޯޓު ކަރުދާހުގައި އޮންނަންޖެހޭ ޢިބާރާތް ކަނޑައެޅުމުގެ މަސައްކަތް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ނިޒާމީ ވޯޓު ނެގުމަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހާމަކުރައްވާފައެވެ. އެކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، މިއީ ނިޒާމީ ވޯޓު ނަގަންވީ ވަގުތުކަމަށާއި، އެކަމަށް 10 މިލިއަން ރުފިޔާވެސް ޚަރަދުވާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. އެއީ ރިޔާސީ އިންތިޚާބަށް އޮފިޝަލުންނާއި ނަގައިނިމި، އެހެން ތައްޔާރީތައްވެސް ވެފައި އޮތުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"[ނިޒާމީ ވޯޓެއް ނެގުމަށްޓަކައި ޚަރަދުކުރުމަށް] 10 މިލިއަނާއި ހަމައަށް ވެސް ނުދާނެ. އަދި ނިޒާމީ މައްސަލަތައް ހައްލު ކުރުމަށް ދައުލަތުން ޚަރަދު ކުރަންޖެހޭނެ. ޙަޤީޤީ ތަރައްޤީ އާއި ޙަޤީޤީ ކުރިއެރުން އަބަދުވެސް ގުޅިފައި އޮންނަނީ ނިޒާމީ ފުރިހަމަ ކަމާއި." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލާމާނީ ނިޒާމެއްތޯ ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން އޮތީ ތައްޔާރަށްކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އަންނަ މަހުގެ 29ގައި އެ ވޯޓު ނެގުމަށް އެކޮމިޝަނުގެ މެންބަރުންގެ މެދުގައި މަޝްވަރާކުރައްވާފައިވާކަމަށް އީސީން ވިދާޅުވެފައިވެއެވެ. އަދި އެކަމަށް ހަދަންޖެހޭ ބައެއް ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.