ރިޓަޔަމަންޓު އުމުރު 70 އަހަރަށް ބަދަލުކުރުމަށްފަހު އަސާސީ ޕެންޝަންގެ ޢަދަދު ސަރުކާރުންވަނީ ދާދިފަހުން -/7000 އަށް ބޮޑުކޮށްފައެވެ. މި ސިޔާސަތާއެކު ޢުމުރުން 65 އަހަރުވުމަށްފަހު އަމިއްލަ އިޚްތިޔާރުގައި ވަޒީފާގައި ހުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ސިޔާސަތާއެކު އަސާސީ ޕެންޝަން ލިބޭ ޢުމުރަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. އަދި އެ އުމުރަކީ މިހާރުވެސް 65 އަހަރުކަމަށާއި، 65 އަހަރު ވުމުން ވަޒީފާގައި ދެމިހުންނަން އިޚްތިޔާރުކުރާ ފަރާތްތަކަށްވެސް 7000 ރުފިޔާގެ އަސާސީ ޕެންޝަން ލިބޭނެކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން މިގޮތަށް ވިދާޅުވެފައިމިވަނީ ރިޓަޔަމަންޓު އުމުރު 70 އަހަރަށް ބޮޑުކުރުމުން ޕެންޝަން ފައިސާވެސް ލިބެން ފަށާނީ 70 އަހަރުން ފެށިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަޤީގަތް އޮޅޭގޮތަށް ވާހަކަދައްކަމުންދަނިކޮށެވެ.
އަސާސީ ޕެންޝަންގެ ޢަދަދު -/7000 އަށް ބޮޑުކުރުމާއެކު ޢުމުރުން 70 އަހަރާ ހަމަޔަށް މަސައްކަތްކުރުމުގެ އިޚްތިޔާރު ލިބޭގޮތަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި. މި ސިޔާސަތާއެކު ޢުމުރުން 65 އަހަރުވުމަށްފަހު އަމިއްލަ އިޚްތިޔާރުގައި ވަޒީފާގައި ހުރުމުގެ ފުރުޞަތު ލިބޭނެ
— Miuvaan Mohamed (@MvSpokesperson) September 23, 2023
65 އަހަރުން މަތީގެ މީހުންނަށް ދަޢުލަތުން ދެމުން އަންނަ އެލަވަންސް ބޮޑުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއުލާންކުރެއްވީ މިމަހުގެ 21ވަނަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައެވެ.
ރައީސް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް މިހާރުދެމުން އަންނަ 5000 ރުފިޔާއަކީ މީގެ އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ އަދަދެއް ކަމަށާއި އެ ފައިސާއިން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުނުޖެހޭކަން ރައްޔިތުން ފާހަގަކުރާކަަމަށެވެ. އެެހެންކަމުން މިހާރު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް 5000 ރުފިޔާއިން 7000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސް ދޭން ފެށީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުންނެވެ.