ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން އެޕާޓީގެ ފައުންޑިންގ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އިއުލާންކުރައްވައިފިއެވެ.
ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕާޓީކަމަށްވާ ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބު އަންނަ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ އިންޓަރިމް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
އިންތިހާބު ބާއްވާނެ ދުވަސް އިއުލާންކުރުމާއެކު ބައެއް.ބޭފުޅުން ވަނީ މަގާމުތަކަށް ކުރިމަތިލައްވާނެކަން އިއުލާުންކުރައްވާފައެވެ. އެގޮތުން ޕާޓީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާންކޮށްފައިވަނީ ޕާޓީގެ އިންޓަރިމް ޗެއާޕާސަން ހަސަން ލަތީފާއި އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ރަނިން މޭޓް ހުސައިން އަމުރުއެވެ.
މީގެއިތުރުން ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް، އިންޓަރިމް ކައުންސިލުގެ މެމްބަރު އައިޝަތު އަލައިކާ ވާދަކުރައްވާނެކަން ވަނީ އިއުލާންކޮށްފައެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބުގައި ބޭފުޅުން އިންތިހާބުކުރަންޖެހޭނީ ކޮންކޮން މަގާމުތަކަށްކަމެއް ޔަގީނެއް ނޫނެވެ. ނަމަވެސް ވަރަށް އަވަހަށް މަގާމްތަކަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލާނެކަމަށް ބެލެވެއެވެ.
ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީން ވަކިވުމަށްފަހު އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފެއްދި ޕާޓީއެކެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއަކީ 3 ވަނައަށް އެންމެ ގިނަ ވޯޓް ހޯދި ޕާޓީއެވެ. ނަމަވެސް އެ ޕާޓީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކުރުމަށެވެ.