މުނިފޫހިފިލުވުން

އައިޑަލްގެ ގަދަ 10 ބައިވެރިންނާއެކު ޕީ.އެސް.އެމުން އެއްބަސްވުމެއް


ޓްލެންޓް މެނޭޖްކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވިއަން އައިޑަލްގެ ޓޮޕް 10 ގައި ވާދަކުރި ބައިވެރިންނާއެކު ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއިން ސޮއިކޮށްފިއެވެ.މި އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ހެޑް އާމިނަތު ޝާޔަން ޝާހިދެވެ.މޯލްޑިވިއަން އައިޑަލްގެ ގަދަ 10 ގައި ވާދަކުރި ބައިވެރިންނާއެކު ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރި އެއްބަސްވުމުގެ ދަށުން، ބައިވެރިންނަށް ބޭނުންވާ ތަމްރީންގެ ފުރުޞަތުތަކާއި، ލަވަކިޔުމާއި، މިއުޒިކްގެ ދާއިރާއިން އިތުރަށް ކުރިއަށްދިޔުމުގެ ފުރުޞަތު ހޯދައިދިނުމަށް ޕީ.އެސް.އެމްގެ ފަރާތުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މޯލްޑިވިއަން އައިޑަލްގެ ގަދަ 10 ބައިވެރިންނާއެކު ޕީ.އެސް.އެމްގެ ފަރާތުން ޓެލެންޓް މެނޭޖްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، ޕީ.އެސް.އެމްގެ ފަރާތުން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ މޯލްޑިވިއަން އައިޑަލްގެ ގަދަ 10 ބައިވެރިންނަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔެއްގެ ތަރުޙީބު ލިބިފައިވާ، ހުނަރުވެރި ފަންނާނުތަކެއްކަމުން، އެ ފަންނާނުންނަށް މިދާއިރާއިން އިތުރަށް ކުރިއަށްދިޔުމުގެ ދޮރުތައް ހުޅުވާލަދިނުންކަމަށެވެ. އަދި މިއީ ބޭރުގެ އައިޑަލް ކުރިއަށް ގެންދާ ޤައުމުތަކުގައިވެސް މިކަން ކުރާ އުޞޫލުކަން ޝާޔަން ފާހަގަކުރެއްވިއެވެ.ޝާޔަން ވިދާޅުވީ، ޕީ.އެސް.އެމްގެ ފަރާތުން މޯލްޑިވިއަން އައިޑަލްގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަނީ ފްރެމެންޓަލް މީޑިއާއިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށްކަމަށެވެ. މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތަކާއެކު، އައިޑަލްގެ ޓައިޓަލް ގެންދާނެ ބައިވެރިއަކު ހޮވުމަށް ޖަޖުންގެ އިތުރުން، ބެލުންތެރިންނަށް ވޯޓުލުމުގެ ފުރުޞަތު ހުޅުވާލުމުން، ކުރިމަތިވި އެންމެ ބޮޑު އެއް ޝަކުވާއަކީ ބެލުންތެރިން ފޮނުވާ އެސް.އެމް.އެސްއާއި ޖަޖުންގެ މާކްސް ޝޯވގައި އިޢުލާން ނުކުރުންކަމަށް ޝާޔަން ވިދާޅުވިއެވެ. އެހެންނަމަވެސް ޝާޔަން ވިދާޅުވީ، މިއީ އިންޓަރނޭޝަނަލް ފްރެންޗައިޒް ބްރޭންޑަކަށް ވެފައި، އައިޑަލް ކުރިއަށް ގެންދާ އެއްވެސް ޤައުމެއްގައިވެސް ޖަޖުންނާއި ބެލުންތެރިންގެ ފަރާތުން ކޮންޓެސްޓެންޓުންނަށް ލިބޭ މާކްސް އިޢުލާން ނުކުރާކަމަށެވެ.މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑުގެ ގަދަ 10ގައި ވާދަކުރި ބައިވެރިންނަކީ: އިބްރާހިމް އަމާން، ޢަބްދުﷲ ފާލިޙު އާދަމް، ލައިޝާ ޖުނައިދު، މުހައްމަދު މުއައްޒިން ނަޢީމް، އަހުމަދު ނަޒީޙު، ޝަލަބީ ޢިބްރާހިމް، ޢަބްދުﷲ ޞޯދިޤު، ފާތުމަތު އަޒްލީމާ، މުހައްމަދު ޒަލީފް ޢަބްދުﷲ އަދި މުޙައްމަދު އިޝާނެވެ. ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ، މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޝޯވތައް މިދިޔަ ޖެނުއަރީމަހުގެ 22 ފެށިގެން ދައްކަން ފަށާފައިވާއިރު، މި ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ހީނުކުރާވަރުގެ ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. ޝާޔަން ވިދާޅުވީ، ފްރެމެންޓަލް މީޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އައިޑަލް – ސީޒަން 2 ފެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި، ވަރަށް ކައިރި މުސްތަޤުބަލެއްގައި އައިޑަލްގެ ސީޒަން 2 ބާއްވާނެ ތާރިޚު ޕީ.އެސް.އެމްގެ ފަރާތުން އިޢުލާން ކުރާނެކަމަށެވެ.