ޚަބަރު

ކަރަންޓު ރޭޓް ފްލެޓު ރޭޓަކަށް ބަދަލުކުރުމަށް ރައީސް ނިންމަވައިފި


  • ބިލު ބޮޑުކަމުގެ ޝަކުވާ އަޑުއެއްސެވިކަމަށް ވިދާޅުވި

  • ޚަރަދު ދެކޮޅު ނުޖެހޭކަމުގެ ކަންބޮޑުވުން އޮތްކަމަށް

  • އެކަމަށް ޙައްލެއް ގެންނެވުމަށް ފްލެޓް ރޭޓެއް ކަނޑައަޅުއްވާނެކަމަށް

ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް އެކި ބޭންޑްތަކަކުން އަގުކުރުމުގެ ބަދަލުގައި ފްލެޓް ރޭޓަކުން އަގު ނަގަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މާވެޔޮ މަގު ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ޞާލިހް ވިދާޅުވީ މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސި އިންތިޚާބަށް ކެމްޕެއިންގައި އެކިކި ގެތަކަށް ވަޑައިގަތުމުން އެންމެ ގިނައިން އިވިވަޑައިގެންނެވި އެއް ކަންބޮޑުވުމަކީ ކަރަންޓު ބިލު ބޮޑުވާ މައްސަލަކަމަށެވެ.

އެގޮތުން ލިބޭ އާމްދަނީން ގޭގެ ކުއްޔާއި ކަރަންޓު ބިލު ދެއްކުމަށް ފަހު، އިތުރު ޚަރަދުތައް ދެކޮޅު ނުޖެއްސޭ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން އިވިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ ބައެއްގެ އެދުމަކަށް ވީ ކަރަންޓް ބިލަށް ލުޔެއް ހޯދައިދިނުންކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ އެކަންބޮޑުވުމަށް ހައްލެއް ގެނައުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ގެއެއްގެ ކަރަންޓް ރޭޓް، ފްލެޓް ރޭޓަކުން ނަގާ ގޮތަށް ބަދަލު ކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެންނެއް ނުދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މި ނިންމަނީ މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި ވެސް ކަރަންޓް ރޭޓް ފްލެޓް ރޭޓަކުން ނަގާ ގޮތަށް. ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެެގެންނެއް ނުދާނެ" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އެސްޑީއެފްސީ މެދުވެރިކޮށް ދިން ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލައި، އެ ލޯނުތައް ދައްކާ މުއްދަތު އިތުރު 10 އަހަރަށް ބަދަލުކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި އިންޓަރެސްޓް ހިމަނާ ލޯނު ދައްކާފައިވާ މީހުންނަށް އެ ފައިސާ އަނބުރާ ދެއްވާނެކަމަށްވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.