ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރަން ނިންމަވައިފި


  • އުމުރުންދުވަސްވީ މީހުންނަށް މިހާރު ދެނީ 5000 ރުފިޔާ

  • އެލަވަންސް ބޮޑުކުރުމަށް ނިންމީ ގިނަ ބަޔަކު އެދެމުންދާތީ

  • މިއީ 2008 ވަނަ އަހަރު ދޭން ފެއްޓެވި އެލަވަންސެއް

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދަޢުލަތުން ދެމުން އަންނަ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރަން ސަރުކާރުން ނިންމަވައިފިއެވެ.

65 އަހަރުން މަތީގެ މީހުންނަށް ދަޢުލަތުން ދެމުން އަންނަ އެލަވަންސް ބޮޑުކުރަން ނިންމެވިކަން ރައީސް ސާލިހު އިއުލާންކުރެއްވީ މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައެވެ.

ރައީސް ޞާލިހް ވިދާޅުވީ މިހާރު އުމުރުން ދުގަސްވީ މީހުންނަށްދޭ 5000 ރުފިޔާއަކީ މީގެ އަހަރުތަކެއް ކުރިން ކަނޑައަޅާފައިވާ އަދަދެއް ކަމަށާއި އެ ފައިސާއިން ދިރިއުޅުމުގެ ހަރަދުތައް ދެކޮޅުނުޖެހޭކަން ރައްޔިތުން ފާހަގަކުރާކަަމަށެވެ. އެެހެންކަމުން މިހާރު އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭ އިނާޔަތް 5000 ރުފިޔާއިން 7000 ރުފިޔާއަށް ބޮޑުކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ސިޔާސަތު ބަދަލުކޮށްފިން. ކުރިއަށް އޮތްތަނުގައި 65 އަހަރުންމަތީގެ މީހުންނަށް 7000 ރުފިޔާ އެލަވަންސް ދޭން ނިނަމއިފިން. ރިޓަޔަމަންޓް އޭޖް 65 އަހަރުން 70 އަހަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައި." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސެއް ދޭން ފެއްޓެވީވެސް 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުންނެވެ.
އަދި އެ އެލަވަންސް ބޮޑުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށްޓަވާނެކަން ރައީސް ސާލިހު ވަނީ މިދިޔަ ޖޫންމަހު ހާމަކުރައްވާފައެވެ.