ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް މިއަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޢުމަރު ނަޞީރު ނިންމަވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ދެވަނަ ބުރށް ނިންމެވި ނިންމެވުން ހާމަކުރުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ޢުމަރު ނަޞީރު ވިދާޅުވީ، 2 ވަނަ ބުރަށް އައިސްފައިވަނީ މީގެ ކުރިންވެސް ވެރިކަމަށް އައިސްފައިވާ ޕާޓީތައްކަމަށެވެ. ކޮންމެ ބައެއްގެވެސް ވެރިކަން ކުރި ގޮތުގެ ރިޕޯޓް ފެންނަން އެބައޮތްކަމަށާއި، ދެ ޕާޓީގެ ވެރިމަކުގައިވެސް ދަރަނި ވީ އިތުރުކަމަށެވެ. އެ ދެޕާޓީއަށްވެސް ޤައުމުގައި ހުރި ބޮޑެތި މައްސަލަތަށް ޙައްލުކޮށް ނުދެވުނުކަމަށް ޢުމަރު ވިދާޅުވިއެވެ.
"2 ޕާޓީއަށްވެސް ވަނީ ކޮރަޕްޝަންގައި އޭ މާރކްސް ލިބިފައި. އެހެންވީމަ އަޅުގަނޑުމެން އިތުރަށް އެ ޕާޓީތައް ވަރުގަދަ ކޮށްދޭކަށް ނެތިން. އަޅުގަނޑުމެން މިތިބީ ދިވެހިރާއްޖެ އިތުރަށް ދަރަނިވެރި ކުރުވާ އިރުގައި އެ މަސައްކަތުގައި ބައިވެރިވާކަށްނޫން. ދިވެހިރާއްޖޭގެ މަގުތައް ނާމާންވާއިރުގައި އެ މަސައްކަތުގައި ބައިވެރިވާކަށްވެސް ނޫން." ޢުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ދެން އުފެދޭ ސަރުކާރެއްގައި އޭނާ އާއި އޭނާގެ ޓީމު ހަރަކާތްތެރިވާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައެވެ.
ޢުމަރު ވިދާޅުވީ، ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައިވެސް އެ ޓީމުން ހުރިހައި ގޮނޑިއަކަށް ވާދަކުރާނެ ކަމަށެވެ. މަޖިލިސް އިންތިޚާބަށް ވާދަކުރައްވާނީވެސް، ރިޔާސީ އިންތިޚާބަށް ހުށައެޅުއްވި ވަޢުދުތަކާއެކުކަމަށްވެސް ޢުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިންތިހާބު ކާމިޔާބުވެވަޑައި ނުގަތަސް، ދިވެހި ރައްޔިތުންގެ ހިތްތައް ކާމިޔާބު ކުރެވިއްޖެކަމަށާއި، މިއީ އިންގިލާބެއްގެ ފެށުމެއްކަމަށް ޢުމަރު ސިފަކުރެއްވިއެވެ. އަދި އެގޮތުގައި ދެމިހުންނަވާނެކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
އިންތިހާބުގައި އުމަރުގެ ޓީމުން ހަރަދުކުރީ ލައްކައެއްހައި ރުފިޔާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެތައް މިލިއަނަކުން ޚަރަދުކުރި އެތައް ބަޔަކު އިންތިހާބުގައި އޭނާގެ ފަހަތައް ދިޔަކަމަށެވެ. އެހެންކަމުން މި އިންތިހާބުން ހާމަވެގެންދިޔައީ ފައިސާދޫކޮށް ރާއްޖޭގައި ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ވޯޓުދޭ ބަޔަކު ތިބިކަންކަމަށްވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގައި ޢުމަރު ނަޞީރުއަށް ލިބިވަޑައިގަތީ 6343 ވޯޓާއެކު އިންތިޚާބުގެ 4ވަނައެވެ. އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ %2.87 ވޯޓެވެ. ޢުމަރު ނަޞީރު ވަނީ 2028ގައި އަންނަ ރިޔާސީ އިންތިހާބެއްގައިވެސް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައެވެ.