ވިޔަފާރި

"ފަރުމާ ފެސްޓިވަލުގައި" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި.


ޒުވާނުންނަށް އެމީހުންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ބާއްވާ "ފަރުމާ ފެސްޓިވަލުގައި" ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ފަރުމާ- ޔޫތު އާރޓް އެންޑް އިނޮވޭޝަން ފެއަރ 2016'ގެ ނަމުގައި ބާއްވާ މި ފެއަރ އަކީ ޒުވާނުންގެ ކިބައިގައި ހުރި ފަންނުވެރި ހުނަރުތައް ދައްކާލާއި، ޒުވާނުންނަށް އެމީހުންގެ އުފެއްދުންތައް އާއްމުންނަށާއި ކުންފުނިތަކަށް ދައްކާލާ، ފަންނުވެރިކަމުގެ ރޮނގުން ޒުވާނުންނަށް އާމްދަނީ ހޯދުމުގެ ދޮރުތައް ހުޅުވާލާދިނުމުގެ އިތުރަށް ޒުވާނުންގެ އެކި އުފެއްދުންތައް މާކެޓްކޮށް، ވިއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ ފެއަރއެކެވެ.  

 މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މޭމަހުގެ 24 އިން 28 އަށެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތުދެއްވާ ގޮތުގައި މި ފެއަރގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މޭމަހުގެ 2 ވަނަ ދުވަހުގެ ކުރިން ޒުވާނުންގެ މަރުކަޒަށް އެޕްލިކޭޝަން ފޯމު ހުށަހެޅުއްވަން ޖެެހޭނެ ކަމަށާއި ރަށްރަށުން ފޯމު ހުށަހަޅާނަމަ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އަތޮޅު ޒުވާނުންގެ މަރުކަޒު ނުވަތަ ރަށުގެ ޒުވާނުންގެ މަރުކަޒުތައް މެދުވެރިކޮށް ކަމަށެވެ. އަދި މި ޕްރޮގްރާމަށް ޙާއްޞަ އީމެއިލް އެޑްރެސް [email protected]  އިންވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ސްޓޯލްތައް ދޫކުރަން ހަމަޖެހިފައިވަނީ ވަކި އަދަދަކަށް ކަމަށްވާތީ، ސްޓޯލްތައް ދޫކުރުމުގައި އިސްކަންދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށް ކަމަށްވެސް ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ.