ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ބަޔާން މިއުނިކް ކާމިޔާބުކޮށްފިއެވެ.
މެޗު ބަޔާން މިއުނިކުން ކާމިޔާބުކޮށްފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ޔުނައިޓެޑު ބަލިވެފައިވާއިރު އެ ޓީމު އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިިން ހަތަރު މެޗުން ވަނީ ބަލިވެފައެވެ. އަދި މޮޅުވީ އެއް މެޗުންނެވެ.
މެޗުގެ ފުރަތަަމަ ހާފުގައި ބަޔާން މިއުނިކް ދެ ލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާނޭ އެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ ސާޖް ގްނެބްރީ އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރު ޖަމާލު މުސިއާލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ދެވަަނަ ހާފުގެ ހަވަނަ މިނެޓުގައި ޔުނައިޓުން ފަރަގު ކުޑަކުރި ލަނޑު ކާމިޔާބުކޮށްދިނީ ޑެންމާކްގެ ޒުވާން ފޯވާޑް ރަސްމުސް ހޮޖްލަންޑް އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓުފަހުން ބަޔާން މިއުނިކަށް ލިބުނު ޕެނަލްޓީއެއްގައި ހެރީ ކޭން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.
ޔުނައިޓެޑްގެ ދެވަނަ ލަނޑު ފަހުހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސަމީރޯ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަނެއްކާ ވެސް ބަޔާން މިއުނިކް އިން އިތުރު ލަނޑެއް ކާމިޔާބުކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވާޑު މެތީސް ޓެލް އެވެ. ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ކަސެމީރޯ އެވެ.