ކުޅިވަރު

އަހަރުތަކަކަށްފަހު އާސެނަލުން ޗެމްޕިއަންސް ލީގު ފެށީ ވަރުގަދަކޮށް


ޔުއެފާ ޗެމްޕިއަންސް ލީގުގައި އަހަރުތަކަކަށް ފަހު އާސެނަލް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅެ އާސެނަލް މެޗު ކާމިޔާބުކުރީ ނެދަލޭންޑުގެ ޕީއެސްވީ އައިންދޯވަން ވާދަކޮށް 4-0 ލަނޑުންނެވެ.

ރޭ އާސެނަލް ގޯލް ބެލެހެއްޓީ އެޓީމާ އަލަށް މިސީޒަނުގައި ގުޅުނު ޑޭވިޑް ރާޔާއެވެ. މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފަވަނީ އާސެނަލްއެވެ. ފުރަތަމަ ހާފުގެ އަށްވަނަ މިނިޓުގައި ބުކަޔޯ ސަކާ އާސެނަލަށް ލީޑު ނަގައިދިންއިރު މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ 20 ވަނަ މިނިޓުގައި ޓޮސާޑް ކާޟިޔާބުކުރީ ސަކާގެ އެހީތެރިކަމާއެކު އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ގެބްރިއަލް ޖެސޫސްއެވެ.

އާސެނަލަށް މެޗުގެ ދެވަނަ ހާފްގައި ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މި ލަނޑު 70 ވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ މާޓިން އޮއިގާޑްއެވެ. އާސެނަލް މީގެކުރިން ޗެމްޕިއަންސް ލީގުގައި ވާދަކޮށްފަވަނީ މީގެ 6 އަހަރު ކުރިންނެވެ.

މި މޮޅާއެކު އާސެނަލް އެއްވަނައިގަ އޮތްއިރު މި ގުރޫޕްގައި ސެވިއްޔާ އާއި ލޯންސް ވާދަކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.